15 Jan 2011, 13:06
"ޕާކް ޑޭ"ގެ ނަމުގައި ސަލްޓަން ޕާކު އިތުރަށް ފެހި ކުރުމުގެ ޕްރޮގުރާމެއް ހައުސިން މިނިސްޓްރީން މިއަދު ފައްޓައިފި އެވެ.
ސަލްޓަން ޕާކުގައި މިއަދު ހެނދުނު ގަސް އިންދެވުމުގެ މަސައްކަތުގައި އުޅުއްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕްރޮގުރާމަކީ ސަލްޓަން ޕާކުގައި ހުރި ގަސްތައް ނިކަމެތިކޮށް ހުރުމާ ގުޅިގެން ސަލްޓަން ޕާކު ފެހިކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.
"މިދިޔަ އަހަރު ސަލްޓަންޕާކު އާންމުކޮށް ސައުވީސް ގަޑިރަށް ހުޅުވާލި ފަހުން ރޭގަނޑު ވެސް އަދި ދުވާލު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިތަނަށް އާދޭ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ މިތާގެ ގަސްތައް ހުރީ ވަރަށް ވެސް ނިކަމެތިކޮށް. އެހެންކަމުން ސަލްޓަންޕާކު ފެހި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެއް މިއީ،" އަސްލަމް ވިދާޅުވި އެވެ.
އެ ޕްރޮގުރާމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާ އެކު އެ މީހުންގެ އާއިލާތަކުގެ މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ މުނިސިޕަލްޓީންނާއި ހައުސިން މިނިސްޓްރީ ގުޅިގެން ކަމަށެވެ.