12 Aug 2014, 10:03
ލަންޑަން (އޮގަސްޓް 12) : އެމެރިކާއިން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމާއަތް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކޮށްފިއެވެ.
އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއިން އަފްޣާން އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި އަނިޔާތަކެއް އަފްޣާން އާންމުންނަށް ދީފައިވާ ކަމުގެ ހެކިތައް އެބަހުރި ކަމަށާއި އެ ޖަރީމާތައް ތަހުގީގުކޮށް އެ މައްސަލާގައި އެމެރިކާގެ ވެރިން ޒިންމާ ކުރުވެން ޖެހޭނެ ކަމުގަ އެވެ. 108 ސަފްހާގެ މިރިޕޯޓް ބުނާގޮތުން އެމެރިކާ ސިފައިން ވަނީ 2009 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު ވަރަށް އަނިޔާވެރި ގޮތަކަށް އަފްޣާން އާންމުންގެ އަށާރަ ސަތޭކައަށްވުރެ ގިނަ މީހުން މަރާލާފައެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހިންގާފައިވާ މިޖަރީމާތައް ތަހުގީގުނުކޮށް ދޫކޮށްލެވިފައިވާ ކަމަށާއި މިޖަރީމާތައް ހިންގި އެމެރިކާ ސިފައިންނާއި އެކަމުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް ބައިނަލްއަގްވާމީ ގޮތުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނުވާ ކަމަށް އެމްނެސްޓީގެ ރިޕޯޓް ބުނެ އެވެ.
އަފްޣާނިސްތާނުގެ އިތުރުން އިރާގާއި ގުއަންޓެނާމޯ ޖަލުގައި ވެސް އެމެރިކާއިން އިރާގުގެ އާންމުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން މެރި އާންމުންގެ އަދަދު އެތަށް ލައްކައަކަށް އަރައިގެންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)