12 Aug 2014, 10:00
ބަޣްދާދު (އޮގަސްޓް 12): އިރާގުގެ ރައީސް ފުއާދު މަޢްސޫމް، އެ ގައުމުގެ ބޮޑުވަޒީރަކަށް ހައިދަރުލްއައްބާދީ އިޚްތިޔާރުކުރައްވައި އިރާގުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އޭނާއާ ޙަވާލުކުރެއްވުމުން ކުރީގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ކޯފާވެވަޑައިގެން އެކަމާ ދެކޮޅަށް އަޑުއުފުއްލަވައިފި އެވެ.
މާލިކީ ވިދާޅުވީ އިރާގުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި އެއް ޕާޓީއަކަށް ބަލާއިރު ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ އޭނާގެ ޕާޓީން ކަމަށާއި އެ ޕާޓީގެ ޒައީމުގެ ހައިސިއްޔަތުން އައު ސަރުކާރު އެކުލަވާލުމުގެ ކަންތައް އޭނާ ނޫން ބޭފުޅަކާ ހަވާލުކުރުމަކީ އިރާގުގެ ދަސްތޫރާ ޚިލާފު ކަމެއް ކަމަށާއި އެކަން ގަބޫލު ނުކުރައްވައި މި މައްސަލަ އިރާގުގެ އެންމެ އިސް ކޯޓުތަކަށްވާ ދަސްތޫރީ ކޯޓަށް ހުށަހަޅުއްވާނެ ކަމުގަ އެވެ.
އިރާގުގެ ރައީސް ފުއާދު މަޢްސޫމް، އެ ގައުމުގެ ބޮޑުވަޒީރަކަށް އިޚްތިޔާރު ކުރެއްވި ހައިދަރުލްއައްބާދީ އަކީވެސް ކުރީގެ ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ދައުވާ ޕާޓީގެ އިސްސަފުގައި ހިމެނޭބޭފުޅެކެވެ. އައްބާދީ ބޮޑުވަޒީރަކަށް ހަމަޖެއްސިއިރު އޭނާ ހުންނެވީ އިރާގުގެ ޕާލަމެންޓްގެ ނައިބު ރައީސް ކަމުގެ މަގާމުގަ އެވެ. އިރާގުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައެއް ނުވެ އެވެ. ނަމަވެސް އެއް ޕާޓީއަކަށް ބަލާއިރު އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ މާލިކީގެ ދައުވާ ޕާޓީއަށެވެ. ދައުވާ ޕާޓީގެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މާލިކީ ވިދާޅުވީ ދައުވާ ޕާޓީގެ ޒައީމަކީ އޭނާ ކަމަށާއި އެހެން ކަމުން އިރާގުގެ ރައީސް ފުއާދު މަޢްސޫމް ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރައްވަން ޖެހޭނީ ދައުވާ ޕާޓީގެ ފަރާތުން އޭނާ ކަމުގަ އެވެ.
އޭނާގެ ބަދަލުގައި އެޕާޓީގެ އެހެން ޝަޚްސިއްޔަތެއް ކަމަށްވާ ހައިދަރުލްއައްބާދީ ބޮޑުވަޒީރަކަށް އިޚްތިޔާރު ކުރެއްވުމަކީ އިރާގުގެ ދަސްތޫރާ މުޅިން ޚިލާފަށް ރައީސް ފުއާދު މަޢްސޫމް ނިންމެވި ނިންމެވުމެއް ކަމަށާ މިކަމާދެކޮޅަށް ސްޕްރީމް ކޯޓުގައި ދައުވާ ކުރައްވާނެ ކަމަށް މާލިކީ ވިދާޅުވިއެވެ. މާލިކީގެ ބަދަލުގައި އިރާގުގެ އައު ބޮޑުވަޒީރަކަށް ހައިދަރުލްއައްބާދީ އިޚްތިޔާރު ކުރެއްވުމަށް ރައީސް މައުސޫމް ނިންމެވި ނިންމެވުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އދ. ންވެސް ވަނީ މަރްޙަބާ ކިޔައި އެކަމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ ރައީސް ބަރަކް އޮބާމާ އިރާގުގެ އައު ބޮޑުވަޒީރާ ފޯނުން ގުޅުއްވައި އޭނާއަށް މަރްހަބާ ދެންނެވި ކަމުގަ އެވެ. އަދި އިރާގަށް މިހާރު ކުރިމަތިވެފައިވާ އައިއެސް ޖަމާއަތުގެ ބިރާ ކުރިމަތިލައި އިރާގަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށްޓަކައި އިރާގެ ސިޔާސީ ހުރިހާ ޕާޓީތަކެއް ގުޅިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމަށް އެމެރިކާ ސަރުކާރުން ދެކޭ ކަމަށް ވެސް މިބަޔާން ބުނެއެވެ.
އައި.އެސް ފަދަ ބަދަލުހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ ޖަމާއަތްތައް އިރާގުގައި އުފެދުނީ އެމެރިކާ އިރާގަށް އަރައި ހިންގި އަނިޔާވެރި އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް މުޙައްލިލުން ބުނެއެވެ.މިގޮތުން އައި.އެސް ގެ ގިނަ ހަނގުރާމަވެރިންނަކީ އިރާގުގައި އެމެރިކާ ހިންގި އަނިޔާވެރި އަމަލުތަކުގައި މައިންބަފައިންނާއި ދަރިންނާއި ތިމާގެ މީހުން މަރުވެ ގެދޮރު ހަލާކުވުންފަދަ ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންނާއި އެމެރިކާ ގެ ބެލުމުގެ ދަށުން އިރާގުގައި އުފެއްދި ވެރިކަމުގެ ނިޒާމުން އިރާގުގެ ސުންނީންނާ ދެކޮޅަށް ހިންގި ތަފާތު ކުރުމުގެ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ސުންނީ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އައި.އެސްގެ ގިނަ އިސްވެރިންނާއި ކޮމާންޑަރުންނަކީ އަވަހާރަކޮށްލާފައިވާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ބަޢްޘު ޕާޓީއަށް ނިސްބަތްވާ މީހުންނާއި ސައްދާމް ދުވަސްވަރު އިރާގުގައި އޮތް ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިސަބަބުތަކާ ގުޅިގެން ބަދަލުހިފުމުގެ ރޫހެއްގައި ހަރަކާތްތެރިވާ އައި.އެސް ޖަމާއަތުން އެޖަމާއަތުގެ ކޮންޓްރޯލް ހިނގާ ސަރަހައްދުތަކުގައި ޝިޔަޢީންނާ ދެކޮޅަށް ބިރުވެރި ގަތްލުއާންމުތައް ހިންގައި އާންމުން މަރަމުން ގެންދާއިރު ޝިޔައީންނާ ގުޅިފައިވާ ސުންނީންވެސް އައި.އެސްގެ ޝިކާރައަކަށްވަމުންދާ ކަމަށް މަންޒަރުދުށްމީހުންނާ ޙަވާލާދީ އަލްޖަޒީރާ ބުނެއެވެ. އައި.އެސް ޖަމާއަތަކީ އިރާގުގައި ބޮންގޮއްވައި މީހުން މެރުމުގެ ޖަރީމާތައް ހިންގަމުންގެންދިޔަ އިރާގުގެ އަލްގާއިދާގެ ގޮފިން އުފަންވި ޖަމާއަތެކެވެ. ނަމަވެސް މިޖަމާއަތް މިހާރުވަނީ އަލްގާއިދާއިންވެސް ވަކިވެ އަލްގާއިދާއަށްވުރެވެސް އަނިޔާވެރި އަމަލުތައް ހިންގާ ޖަމާއަތަކަށްވެފައެވެ.
އައި.އެސް ޖަމާއަތުގެ ޙަމަލާތަކުގައި މަރާލެވެމުންދަނީ އިރާގާއި ސޫރިޔާގެ ސިފައިންނާއި އާންމުންނެވެ. އިސްރާއީލާއި އެމެރިކާއަށް މިޖަމާއަތުގެ އެއްވެސް ޙަމަލާއެއް އަމާޒެއް ނުކުރެއެވެ. އައި.އެސް ޖަމާއަތުން އިރާގުގެ ޝިޔަޢީންނާ ހަނގުރާމަ ކުރުމުގެ އިތުރުން މިހާރު އެޖަމާއަތުން އެންމެ ވަރުގަދައަށް ހަނގުރާމަ ކުރަމުންގެންދަނީ އިރާގުގެ ސުންނީންގެ ތެރޭގައި ހިމެނޭ ކުރުދީންނާއެވެ. ސޫރިޔާގައިވެސް އައި.އެސް އިން ޝިޔައީންގެ އިތުރުން ސުންނީންނާވެސް ހަނގުރާމަ ކުރަމުން ގެންދެއެވެ. މިގޮތުން އައި.އެސ ޖަމާއަތާ ވާދަވެރި އެހެން ޖަމާއަތެއް ކަމަށްވާ އައްނުސްރާ ޖަމާއަތާއި ބައްޝާރާ އިދިކޮޅު ފްރީސީރިޔަން އާމީ ޖަމާއަތާވެސް އައި.އެސް އިން ހަނގުރާމަ ކުރަމުން ގެންދެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިރާގުގެ ސިޔާސީ ހުރިހާ ފަރާތްތަކެއް ގުޅިގެން އެކުވަލާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ބޮޑުވަޒީރަކަށް މާލިކީ ނޫން އެހެންބޭފުޅަކު ހަމަޖެއްސުމަށް އިރާގުގެ ގިނަ ސިޔާސީ ފަރާތްތަކުން މިހާރު ބޭނުންވެއެވެ. އަދި މާލިކީއަށް ދެން އިރާގު ހަމައަކަށް ނޭޅުވޭނެ ކަމާއި މާލިކީ ވެރިކަމުގައި ހުންނަވައިފިނަމަ އައި.އެސް ގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އިރާގުގެ ޝިޔައީންނާ އަދި އައި.އެސް އާ އިދިކޮޅު ސުންނީންވެސް އެއްގަލަކަށް ނޭރުވޭނެ ކަމަށް އިރާގުގެ ގިނަ ސިޔާސީ ފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ)