ހަތް ވަނަ ފަހަރަށް ޕޮލިސް ކްލަބުން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެ، ޕޮލިސް ކްލަބު ޗެމްޕިއަންކަން ހޯދީ ކުލަބް އިމިގްރޭޝަން އާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިމިގްރޭޝަނާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓްތައް ޕޮލިސް ކްލަބުން ކާމިޔާބުކޮށްފައި ވަނީ 19-25، 10-25 އަދި 13-25 ޕޮއިންޓުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނު ޕޮލިސް ކްލަބުގެ ރާޝިދާ އެވެ. މުބާރާތުގެ އެެންމެ މޮޅު ބްލޮކަރަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ހަދީޖާ އިބްރާހިމެވެ.

މުބާރާތުގެ އެެންމެ މޮޅު ލިބެރޯ ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ މުއީނާ ހަސަން ހޮވުނު އިރު، މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެ ކްލަބުގެ އައިޝަތު ޝައްފަ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ސާވާ ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޕޮލިސް ކްލަބުގެ ރާޝިދާ އެވެ.

މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ކްލަބު އިމިގްރޭޝަންގެ ނަސްރާ އިބްރާހިމް ހޮވުނު އިރު، އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ އެ ކްލަބުގެ އާއިޝަތު މާޖިދާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޑިގަރަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ކެޕްޓަން މަރިޔަމް ހަލީމެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް އިމިގްރޭޝަންގެ ފާތިމަތު ޖޫޒާން ޒަރީރު ހޮވުނު އިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް ރެކްރިއޭޝަންގެ އައިމިނަތު އަރީޝާ އެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ކޯޗް މުހައްމަދު ނަދީމްއެވެ. އަދި މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕްކަން ހޯދި އިމިގްރޭޝަނެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމްތަކަށް އިނާމު ހަވާލުކޮށްދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގެވެ.