12 Aug 2014, 09:40
އެއް ކުޅުންތެރިއަކު މަދުކޮށް ދިރާގު ދިވެހި ލީގުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކާމިޔާބުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އީގަލްސް އަތުން ނިއު މޮޅުވީ 2-0 ލަނޑުންނެވެ.
އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ނިއު ނުކުތް އިރު، އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ހުރީ ސަސްޕެންޝަނުގައެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ދެއްކި ރަތް ކާޑާ ގުޅިގެން ރޭގެ މެޗުގައި އެ ކުޅުންތެރިންނަށް ބައިވެރިވެވިފައެއް ނުވެ އެވެ.
މެޗުގެ 10 ވަނަ މިނެޓްގައި ނިއުއަށް ލަނޑެއް ކާމިޔާބުކޮށް، ލީޑު ހޯދައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެސްކޮބާ ކާމޯނާ މެނުއެލް ޑޭވިޑެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ އެ ޓީމުގެ ހަލުވި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ދިން ރީތި ބޯޅައަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 32 ވަނަ މިނެޓްގައި ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމައިރެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ނިއުއަށް އިތުރު ލަނޑުތަކެއް ކާމިޔާބުކުރުމަށް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ފުރަތަމަ ހާފުގައި ފުރުސަތުތަކެއް ލިބުނު އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ދެވަނަ ހާފުގައި ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
މެޗުގެ 64 ވަނަ މިނެޓްގައި ނިއުގެ ބިދޭސީ ފޯވާޑް ޑޭން މިލޮވަނިޗްއަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން އެ ޓީމަށް މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ހިތްހަމަ ނުޖެހިގެން ރެފްރީއާ ޖަދަލު ކުރުމުންނެވެ.
ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސް އެވެ. ނުވަ މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އަށް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް އަށް މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. މާދަމާ ހަވީރު 4:00 ގައި ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މަހިބަދޫ ސްޕޯޓްސް ކްލަބު ނުކުންނަ އިރު، މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.