12 Aug 2014, 00:40
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް ދެގައުމުން އަތާ އަތް ގުޅާލާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވަންގް ފުކާންގް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ޗައިނާ ސަފީރު ވަންގް ފުކާންގް ވިދާޅުވީ، ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވައި މުހިއްމު ދާއިރާތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށް، ޗައިނާ އާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ތަރައްގީވެ، ކާމިޔާބު ދަތުރަކަށްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޮރިން ޕޮލިސީ އާއި ޑިވެލޮޕްމަންޓް ސްރެޓަޖީ އަދި އެންމެ މުހިއްމުގެ ގޮތެއްގައި ގައުމު ހަރުދަނާކޮށް ވަރުގަދަކޮށް، ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކެއް ހޯދައިދިނުމަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު ހުރި އެއްގޮތް ކަންތައްތަކެއް. އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކޮށް، ދެ ގައުމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް ދެ ގައުމުން އަަތާއި އަތް ގުޅާލާނަން،" ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވި އެވެ.
ވަންގް ފުކާންގް ވިދާޅުވީ، ޒުވާނުންނާއި ކުޅިވަރު ތަރައްގީ ކުރުމަށް އިސްކަމެއް ދެއްވަމުންދާ ގައުމެއްގެ ރައީސަކު ޗައިނާގައި މިމަހު އޮންނަ ޔޫތު އޮލިމްޕިކްސްގައި ބައިވެރިވެވަޑައިގެންނެވުމަކީ ޗައިނާއަށް ލިބޭނެ ޝަރަފެއް ކަމަށެވެ.
"ރާއްޖޭ ފަދަ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމެއްގެ ރައީސަކު، ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި ޗައިނާގައި އޮންނަ ޔޫތު އޮލިމްޕިކްސް ފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ އެންމެ ގުޅޭ ކަންތައް،" ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ނަންޖިންގް ގައި ބާއްވަން ހަމަޖެހިފައިވާ ދެވަނަ ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ވެސް ބައިވެރިވާން ނިންމާފައިވާތީ އެކަން ފާހަގަކުރައްވައި ސަފީރު ވަންގް ފުކާންގް ވިދާޅުވީ، ޔޫތު އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔަބީއަށް އެދޭ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުންހިފައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެތުލީޓުންނާއި ގާތް ރަހްމަތްތެރިކަމުގެ ގުޅުން ގާއިމްކުރުމަށް ވެސް ދިވެހި އެތުލީޓުންނަށް ވަންގް ފުކާންގް ގޮވައިލެއްވި އެވެ.
މިމަހުގެ 16 އިން 28 އަށް ޗައިނާގެ ނަންޖިންގް ގައި ބާއްވަން ހަމަޖެހިފައިވާ ދެވަނަ ޔޫތު އޮލިމްޕިކްސްގައި 28 ކުޅިވަރެއްގައި 204 ގައުމަކުން 3787 އެތުލީޓުން ވާދަކުރެއެވެ.