ޓެކްސްގެ މައި އިދާރާ އިންލެންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތް ކުރިއަށްއޮތްތަނުގައި "ބުރަވެގެން ދާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މީރާގެ ހަތަރު ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "ޓެކްސް ބޭސް" ފުޅާކުރުމަށް މިކުރެވޭ މަސައްކަތުގައި ތަފާތު ޓެކްސް ކޮމްޕްލެކްސްތައް އަންނަ އިރު މީރާގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ބުރަވެގެންދާނެ ކަމަށެވެ.

"ޑިރެކްޓް ކޯޕަރޭޓް ޓެކްސްއަކަށް ބަލައިފި ކަމަށް ވަންޏާ މީގެ ސްޓްރަކްޗާ ވަރަށް ތަފާތުވާނެ، މިސާލަކަށް ޕެޓްރޯލިން އެކްސްޕްލޮރޭޝަން އިން ގޮސްފައި ނޫނީ އެހެން ފާޑެއްގެ ޓެކްސޭޝަނަކަށް ގޮސްފިނަމަ މިއީ ޓާމިނަލޮޖީއާ ޓެކްސްނަގާ ގޮތާއި ޓެކްސް ބޭސް އާއި ވަރަށް ތަފާތުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާލުވީ، އިގްތިސާދީ ބަދަލުތަކެއް އަންނަ އިރު މީރާގެ މަސައްކަތް ވަރަށް ތަފާތު ވާންޖެހޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިކުރާ މަސައްކަތަކީ ޓެކްސް ބޭސް ފުޅާކުރުން ކަމަށާއި ތެލުގެ މަސައްކަތަކީ ވެސް އޭގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީރާއިން ކުރާ މަސައްކަތަކީ އަގުވަޒަން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި މީރާއިން ހަރަދުކުރާ އެއް ރުފިޔާއަށް 199ރ. ހޯދުނު ކަމީ ކާމިޔާބީއެއްކަމަށް ރައީސް ވިދާޅުވި އެެވެ. ރާއްޖޭގެ ޓެކްސްދާއިރާ ފުޅާވާނެ ކަމީ ޝައްކު އުފައްދަންވީ ކަމެއްނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ އިގްތިސާދު މިއޮތީ ވަރަށް ކޮންވެންޝަނަލް ނޫނީ ރާއްޖޭގައި ކުރެވެމުން އަންނަ ޒަމާނީ އިގްތިސާދެއްގެ މަތީގައި. ސަރުކާރުން މިކުރާ މަސައްކަތަކީ އިގްތިސާދީ ފުލޮރިޒަން އަކަށް މަސައްކަތް ކުރަން ކުރާ މަސައްކަތް، އެހެން ކަމުން އާ ޓެކުސް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

މީރާގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު ބެލުމަށް ބޭނުންވާ ކަމަކީ މީރާއިން ހަރަދުކުރެވޭ ކޮންމެ ރުފިޔާއަކުން 199 ރުފިޔާ ލިބުމުގެ ބަދަލުގައި މީރާއިން ހަރަދުކުރާ 10 ލާރިއަށް 199 ރުފިޔާ ލިބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ގައުމެއްގައި ޓެކްސް ނެގިޔަސް "ޓެކްސް ފުރޯޑް" އަންނާނެ ކަމަށެވެ.

"ސަރުކާރަކުން ބޭނުމެއް ނޫން އެއްވެސް ވިޔަފާރިވެރިިއަކާ މެދު ޖިނާއީ ދައުވާއެއް ކުރާކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ މަސައްކަތަކީ ރާއްޖެ އަކީ ވިޔަފާރި ވެރިންނަށް ފަސޭހަ ވެއްޓަކަށް ހެދުންކަމަށާއި ތަފާތު އިންވެސްޓްމަންޓް ތަކަކުން ތަފާތު ޓެކްސްތައް ދައްކާނަމަ އެއީ ޓެކްސް ދާއިރާ ފުޅާވެގެން ދާނެ ކަމެށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހިރީ އިގްތިސާދު ފުޅާކުރުމަށް މެގަ ޕްރޮޖެކްޓްތައް ގެނައުން، ދައުލަތުގެ އެންމެ ބޮޑު ވިސްނުމަކީ ލިބޭ އާމްދަނީ އިތުރުކުރުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޑަބަލް ޓެކްސޭޝަން ހައްލު ކުރުމަށް އެ ގަވާއިދު ރިވިއުކުރަމުން ދާ ކަމަށާއި އެކަމުގެ ސަބަބުން އިތުރު އިންވެސްޓަރުން އައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީރާއަށް "މީރާގެ ގޮތުގައި" ހަތަރު އަހަރު ވެފައިވީ ނަމަވެސް އެ އޮތޯރިޓީގެ "ފަންކްޝަން" އަކީ 18 އަހަރު ވެފައިވާ ފަންކްޝަނެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ގާނޫނު ވުޖޫދަަށް އައުމުގެ ކުރިން، ޓެކްސް ނެގުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ، ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީންނެވެ. އަދި މީގެ ހަތަރު އަހަރު ކުރިން އެ ގާނޫނު ވުޖޫދަށް އައުމާ އެކު ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ވަނީ މީރާގެ ދަށަށް ބަދަލުކޮށްފަ އެވެ.