12 Aug 2014, 00:04
ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ވަމުން އަންނަ ގައުމެއް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
"ލާން ޓު ސްވިމް"ގެ ނަމުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޕްރޮގްރާމްގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ޗައިނާ އެމްބަސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއަށް ޝުކުރު އަދާކޮށް، އެ ގައުމުން ރާއްޖެއަށް ކޮށްދެމުން އަންނަ ގިނަ މަސައްކަތްތަކެއް މިނިސްޓަރު މަލީހު ފާހަގަކުރައްވާފައި ވެއެވެ.
"ޗައިނާއަކީ ރާއްޖޭގެ ބޮޑު ޕާޓަނަރެއް. ރާއްޖޭގެ ތަރައްގީއަށް ގިނަ ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ފާހަގަކޮށްލެވޭ. ޓެކްނިކަލް ދާއިރާ އަދި އިންފްރާ ސްޓްރަކްޗާ ޑިވެލޮޕްމަންޓް ދާއިރާއަށް ބަލައިލިޔަސް ޗައިނާގެ އެހީތެރިކަން ފާހަގަކޮށްލެވޭ. އެގޮތުން ޗައިނާއިން ވަނީ ރާއްޖޭގެ ގައުމީ ދާރުލްއާސާރާއި ގައުމީ ކުތުބުހާނާ އިމާރާތް ކުރުމަށާއި، ރާއްޖޭގެ އެންމެ މުހިންމު އެއް އިމާރާތް ކަމަށްވާ ފޮރިން މިނިސްޓްރީ އިމާރާތް ކުރުމަށް ބޮޑު އެހީތެރިކަމެއް ދީފައި،" މަލީހު ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޮޑު ބައެއްގައި ހިމެނެނީ ކަނޑު ކަމަށް ވާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް ފެތުމުގެ ދާއިރާއަށްވުރެ ރަނގަޅު ދާއިރާއެއް ނުވާ ކަމަށެވެ.
"ކުރިން ވެސް ރާއްޖޭގައި ފަތަން ދަސްކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގި. އެކަމަށް އިސްކަމެއް ދެވުނީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމަށް ވާތީ. މި ހާއްސަ ރަސްމިއްޔާތު މި ބޭއްވުނީ ވަރަށް މުނާސަބު ވަގުތެއްގައި. ނަންޖިންގައި ބާއްވާ ޔޫތު އޮލިމްޕިކްސް ގޭމްސްއާ ގުޅިގެން ރައީސް ޔާމީނާ ރާއްޖޭގެ ވަޒީރުން އެކުލެވޭ ވަފުދެއް ޗައިނާއަށް ޒިޔާރަތް ކުރައްވާނެ. އެ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ކުރިއަށް ގެންދަވާނެ،" އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ރާއްޖޭގެ ވަފުދު ޗައިނާގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ޗައިނާ އެމްބަސީއާއެކު ވަރަށް ގާތުން މަސައްކަތްކުރާނަން. ރައީސް ޔާމީނުގެ އިގްތިޞާދީ އެޖެންޑާގެ ދަށުން ޗައިނާގެ ވިޔާފާރިވެރިންނާ ބައްދަލުކޮށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ވާހަކަދައްކާނަން."
މި މަހު 16 އިން 28 އަށް ޗައިނާގެ ނަންޖިންގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނަށް ކާމިޔާބީއަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން މި މަހުގެ 13 ވަނަ ދުވަހު ފުރާގޮތަށް ހަމަޖެހިފައިވާ އިރު، އެނބުރި އައުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.