މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތީރިޓީ (މީރާ) އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދިނުމަށް އެ އޮތޯރިޓީ ހިންގާނެ އާ އޮފީހެއް އިމާރަތްކުރުމަށް ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މީރާއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، އެ އޮތޯރިޓީ މިހާރު ހިންގާ ތަނުގައި ބޮޑު ކިޔޫތަކެއް އޮންނަތަން ވަރަށް ބޮޑަށް ފެންނަ ކަމަށާއި، އެއީ ޖާގައިދަތިކަމުގެ ސަބަބުން ދިމަވާ ކަމެއް ކަމަށެވެ.

"ކިޔޫ ހެދުމަކީ މީރާގެ މައްސަލައެއް ނޫން، މީރާއިން ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވާ. ކިޔޫ ޖެހުމުގެ އަސްލަކީ މީރާގެ ޖާގައިގެ ދަތިކަން،" ޖިހާދު ވިދާޅުވި އެވެ.

މީރާގެ އާ އޮފީސް އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރަކީ އަންނަ އަހަރަށް ބަޖެޓް ތައްޔާރު ކުރާ ދުވަސްވަރުކަމުން އެއިމާރާތުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އާ އިމާރާތް ގާއިމްކުރެވުމާ އެކު ޓެކްސް ދައްކާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މީރާއިން ވޭތުވެދިޔަ ހަތަރު އަހަރުގައި މަސައްކަތް ކޮށްފައިވަނީ ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ކަމަށާއި، އެ އޮތޯރިޓީން ބޭނުންވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ކަމަށެވެ.

"ޓެކުސް ދައްކާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން ޓެކުސްދެއްކޭނެ އުސޫލެއް މިހާރު ވަނީ ގާއިމް ކުރެވިފައި" ޔަޒީދު ވިދާޅުވިއެވެ.

ޔަޒީދު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ގާއިމް ކުރެވިފައިވާފަދަ ޓެކުސް އޮފީހެއް ވަރަށް އަވަހަށް ދެކުނު ސަރަހައްދުގައި ވެސް ގާއިމްކުރެވޭނެ ކަމަށެވެ.