15 Jan 2011, 12:44
އިންޑިއާގެ "ގްލޯބަލް ހޮސްޕިޓަލްސް"ގެ އިންޕޮމޭޝަން އެންޑް އެސިސްޓެންސް ސެންޓަރެއް ރާއްޖޭގައި ހުޅުވުމަށް އެ ހޮސްޕިޓަލާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ކަމަށް ގްލޯބަލް ހޮސްޕިޓަލްސް އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ނަލަހިޔާ ހޮޓަލުގައި ބޭއްވި ސެމިނާއެއްގައި ވާހަކަ ދައްކަވަމުން ހޮސްޕިޓަލުގެ މާކެޓިން އެންޑް ސްޓްރެޓެޖީގެ އެގްޒެކްޓިވް ޑައިރެކްޓަރު ޗަންދްރާ ސެހާރު ވިދާޅުވީ އެ ސެންޓަރު ހުޅުވުމުން، ރާއްޖެ އިން އިންޑިއާ އަށް ބޭސްފަރުވާ އަށް ދާ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އިންޑިއާގެ ރަނގަޅު ހޮސްޕިޓަލްތަކަކީ ކޮބައިތޯ ދެނަގަނެވޭނެ ކަމަށެވެ.
"ރާއްޖޭގައި މިހުޅުވޭ އިންފޮމޭޝަން އެންޑް އެކްސެސް ސެންޓަރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާ އަށް ފަރުވާ ހޯދަން ދިއުމުގެ ކުރިން ރަނގަޅު ހޮސްޕިޓަލްތަކަކީ ކޮބައިކަން ބަލައި ހޯދައި ގަނެވޭނެ. މި ސެންޓަރުން ބަލި މީހުންގެ ދަތުރުގެ ކަންކުމުގާއި، އެކޮމަޑޭޝާނާއި އެޕޮއިންޓްމަންޓު ހައްދައި ދިނުމުގައި ވެސް އެހީތެރިވެ ދޭނެ،" އެގްޒެކްޓިވް ޑައިރެކްޓަރު ވިދާޅުވި އެވެ.
މިއަދުގެ ސެމިނާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ރާއްޖެ އިން އިންޑިއާ އަށް ނުވަތަ މެލޭޝިއާ އަށް ފުރައިގެން ދިއުމުގެ ކުރިން ރަނގަޅު ހޮސްޕިޓަލްތަކުގެ މައުލޫމާތު އެނގިފައި ނޯންނަ ކަމަށެވެ. ނަމަވެސް އެ ސެންޓަރުގެ ސަބަބުން ދިވެހިންނަށް މީގެ ފަހުން އިނޑިއާ އަށް ފަރުވާ ހޯދަން ދިއުމުގެ ކުރިން ރަނގަޅު ހޮސްޕިޓަލްތައް ހޯދައި ގަނަވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
"ބައެއްފަހަރު އިންޑިއާ އަށް ނޫނީ މެލޭޝިއާ އަށް ބޭސްފަރުވާ ކުރަން ދާމީހުންނަށް ދެވެނީ އެންމެ ރަނގަޅު ހޮސްޕިޓަލްތަކަކަށް ނޫން. ބޭސް ކޮށްގެން އަންނަތަނާ އަނެއްކާ އެބަ ޖެހޭ ބޭސްކުރަން ދާން. މިއީ ވަރަށް ހަރަދު ވެސް ދާކަމެއް." ނައިބުރައީސް ވިދާޅުވި އެވެ.
އަދި ރާއްޖެ އިން ބެސްފަރުވާ ކުރުމަށް އިންޑިއާ އަށްދާ ދިވެހިންނަށް ދިގު މުއްދަތަކަށް ވިސާ ހެއްދޭނެ ގޮތަކާ މެދު އިންޑިއާ ސަރުކާރާ އެކު ވާހަކަ ދައްކަމުންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެ ސެންޓަރު މާލޭގައި ހުޅުވުމަށް ހަމަޖެހިފައި ވަނީ އޯކިޑު މަގައި ހުންނަ ޑައެލް ފާމަސީ އިމާރާތުގެ ފުރަތަމަ ބުރީގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް ސެންޓަރު ހުޅުވޭނެ ތާރީހެއް ހޮސްޕިޓަލަކުން ނުބުނެ އެވެ.