އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން ދުރުކޮށްފައިވާ މުހައްމަދު ރާޒީ ވިދާޅުވެއްޖެ އެވެ.

'ސަން'އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރާޒީ ވިދާޅުވީ، އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން ވަކި އިޖުރާއަތުތަކެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސާކިއުލާ އަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެ ވޯޓު ނަގާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާޒީ ވިދާޅުވީ، އޭނާގެ މައްޗަށް އިތުބާރު ނެތްކުގެ ވޯޓު ނަގާފައި ވަނީ "ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ރަށުގައި ނެތް ދަނޑިވަޅެއްގައި" ކަމަށެވެ.

އެލްޖީއޭގެ ސާކިއުލާގައި ބުނެފައިވާގޮތުން ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިކުރެވޭނީ އެބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރާ ކަންކަން ލިޔުމުން އެންގުމަށްފަހު ކަމަށާއި، ލިޔުމުން އަންގާ ކަމެއް އިސްލާހުކޮށްފިނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވާ ކަމަށެވެ.

ރާޒީ ވިދާޅުވީ، އޭނާގެ މައްޗަށް ކަންތައްތަކެއް ތުހުމަތު ކުރާއިރު އެއީ ކޮންކަންތައްތަކެއް ކަމެއް މިހާތަނަށް ވެސް އޭނާ އަށް އަންގަވާފައިނުވާ ކަމަށެވެ.

އެކަމަކީ އޭނައާ ޒާތީގޮތުން ޖައްސާލައިގެން އުޅޭ ކައުންސިލްގެ މެންބަރުން ތަކެއް ކޮށްފައިވާ ކަމެއް ކަމަށާއި އެމައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ވިސްނަވަމުން އަންނަ ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.