11 Aug 2014, 23:13
ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް ދޭ ރަންލާރި އެވޯޑު ތިން ގިންތިއަކުން 11 ފަރާތަކުން ހާސިލްކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ސަރުކާރުގެ ކުންފުނިތަކާ ލިސްޓެޑް ކުންފުނިތަކުގެ ގިންތިން މިދިޔަ އަހަރު ރަންލާރި އެވޯޑު ހާސިލްކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެ ކުންފުނީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމެވެ. އެ ކުންފުނިން މައިގަނޑުގޮތެއްގައި މީރާއަށް ދައްކާފައި ވަނީ ޕަސެންޖާ ސާވިސް ޗާޖާއި ޖީއެސްޓީ އަދި ޑިއުޓީ ފްރީ އެވެ.
ވަކިފަރުދުންގެ ގިންތިން ފަސް ފަރާތަކުން ވަނީ އެވޯޑު ހާސިލްކޮށްފަ އެވެ. އެފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޝިޒްނީ ވަހީދުއްދީނާއި އަލްމަރުހޫމް ހުސައިން ޝާކިރާއި އިބްރާހީމް އަލިމަނިކާއި ހުސައިން މޫސާ އާއި މިސް ސޭންމޭރީ ސިއަލީ ސިލްވާނީ އެވެ.
އެފަރާތްތަކުގެ ތެރެއިން ޝިޒްނީގެ އެވޯޑާ ހަވާލުވެވަޑައިގަތީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ހިއުމަން ރިސޯސަސް ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. ޝިޒްނީ މިދިޔަ އަހަރު މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ޓޫރިޒަމް ޓެކްސް އަދި ބީޕީޓީ އެވެ.
އަލްމަރުހޫމް ހުސައިން ޝާކިރުގެ އާއިލާގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މުހައްމަދު އިބްރާހީމެވެ. ހުސައިން ޝާކިރުގެ ނަމުގައި މިދިޔަ އަހަރު މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޓޫރިޒަމް ޓެކްސް އާއި ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓެވެ.
އެވޯޑު ހާސިލް ކުރި އިބްރާހީމް އަލިމަނިކު މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓާއި ޓޫރިޒަމް ޓެކްސް އެވެ. އަދި ހުސައިން މޫސާ މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ބީޕީޓީ އެވެ.
ވަކިފަރުދުންގެ ގިންތިން ބިދޭސީއަކު ވެސް ވަނީ އެވޯޑު ހާސިލްކޮށްފަ އެވެ. މިސް ސޭންމޭރީ ސިއަލީ ސިލްވާނީގެ އެވޯޑާ ހަވާލުވެވަޑައިގަތީ ހެލެނގެލި އައިލެންޑް ރިސޯޓުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ޒާހިރެވެ. ސޭންމޭރީ ސިއަލީ ސިލްވާނީ މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ޓޫރިޒަމް ޓެކްސް އަދި ބީޕީޓީ އެވެ.
ކޯޕަރޭޓް ގިންތިން ވެސް އެވޯޑު ހާސިލްކޮށްފައި ވަނީ ފަސް ފަރާތަކުންނެވެ. އެއީ ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ކްރައުން ކޮންޕެނީ ޕްރައިވެޓް ޕްރައިވެޓް ލިމިޓެޑާއި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު އަދި ސަންލޭންޑް ހޮޓެލްސް އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ގެ ފަރާތުން އެވޯޑާ ހަވާލުވެވައިގަތީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމެވެ. އެ ކުންފުނިން މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީއާއި ޓޫރިޒަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓެވެ.
ޓީއެމްއޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ފްލައިޓް އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ފަހުދު އެވެ. އެކުންފުނިން މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ބީޕީޓީ އަދި ވިތްހޯލްޑިންގ ޓެކްސް އެވެ.
ކްރައުން ކޮންޕެނީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މެނޭޖިންގް ޑިރެކްޓަރު އާދަމް ސަލީމެވެ. އެކުންފުނީގެ ފަރާތުން މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓެވެ.
ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން އެވޯޓާ ހަވާލުވެވަޑައިގަތީ ކުރެއްދޫ އައިލެންޑްގެ ޖެނެރަލް މެނޭޖަރު ކެންފްލޮކާޓް އެވެ. މައިގަނޑުގޮތެއްގައި އެކުންފުނިން ދައްކާފައި ވަނީ ޖީއެސްޓީ އާއި ބީޕީޓީ އަދި ޓޫރިޒަމް ޓެކްސް އެވެ.
ސަންލޭންޑް ހޮޓެލްސްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ޗީފް އޮޕަރޭޓިން އޮފިސަރު އާމަން ޗާދަރީ އެވެ.
އެކުންފުނިން މައިގަނޑުގޮތެއްގައި ދައްކާފައި ވަނީ ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓް އަދި ބީޕީޓީ އެވެ.
މީރާއަށް މިދިޔަ އަހަރު ލިބުނު 8.9 ބިލިއަން ރުފިޔާގެ އާމްދަނީގެ 71 އިންސައްތަ ހިއްސާކޮށްފައި ވަނީ އެ އޮތޯރިޓީން ގިންތިކުރާ 100 ފަރާތަކުންނެވެ. އަދި އޭގެތެރެއިން 17 އިންސައްތަ ހިއްސާކޮށްފައި ވަނީ ރަންލާރި އެވޯޑު ހާސިލްކުރި 11 ފަރާތެވެ.