11 Aug 2014, 22:51
ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާސްޕްލާންޓް ކުރުމުގެ ހިދުމަތް ދިނުމަށާއި އެ ކުދިންނަށް ބޭނުންވާނެ އެހެނިހެން މުހިއްމު ކަންތައްތައް ފޯރުކޮށް ދިނުމަށް ލަންކާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ، ސްރީލަންކާގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ސެންޓްރަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި އެ ހޮސްޕިޓަލުގެ ވަފުދަކާއެކު ބޭއްވި މަޝްވަރާތަކަކަށްފަހު ކަމަށެވެ.
އެގޮތުން އެ އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ކުދިންނަށް ކޮންސަލްޓޭޝަންގެ ހިދުމަތް ގަވާއިދުން ދިނުމާއި އެ ކުދިންނަށް ބޭނުންވާ އިތުރު ފަރުވާތަކާއި ގުޅޭ ހާއްސަ ޑޮކްޓަރުންނާއެކު ފަރުވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހެލްތުން ބުންޏެވެ.
މީގެ އިތުރުން، ތެލެސީމިއާ ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހޯދައި ދިނުމާއި ތެލެސީމިއާ ސެންޓަރުގެ ލެބޯޓަރީ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޑީއެންއޭ ލެބޯޓަރީއެއް ގާއިމު ކުރުމަށްޓަކައި ދެވެންހުރި އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްރީލަންކާގެ ސެންޓްރަލް ހޮސްޕިޓަލުގެ ހީމަޓޮލޮޖިސްޓަކާއި އެންޑޯކްރިނޮލޮޖިސްޓަކާއި ކާޑިއޮލޮޖިސްޓެއްގެ އިތުރު ދެ ބޭފުޅަކު ރާއްޖެ ކުރެއްވި އެ ދަތުރުގައި މޯލްޑިވްސް ބްލަޑް ސާވިސަސްގައި ރަޖިސްޓްރީވެފައިވާ ތެލެސީމިއާ ބަލި ކުދިންގެ ތެރެއިން 36 ކުއްޖަކު ހީމޮޓޮލިސްޓް ޑޮކްޓަރު ބައްލަވައި 40 ކުއްޖަކު އެންޑޯކްރިނޮލޮޖިސްޓް ޑޮކްޓަރުން ބައްލަވާފައިވެ އެވެ.