ދިރާގު ދިވެހި ލީގުގައި މިއަދު އަބޫ ޑެސްމޮންޑް މަންސާރޭ ކާމިޔާބުކުރި ލަނޑުން ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ސަލާމަތްވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ހާފުގައި މާޒިޔާއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރު އަމްދާން އަލީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗުގައި ލަނޑެއް ފެނިގެންދިޔައީ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުންނެވެ. ވިކްޓަރީއިން ޖެހި އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ ބްރަނިމިރޯވް މަޓީވް އެވެ. ވިކްޓަރީއަށް އޭނާ ލީޑު ނަގައިދިނީ ޗިންޑާ ޗިޒީ ކަކާ ދިން ބޯޅައަކުންނެވެ.

ވިކްޓަރީއަށް ލީޑުގައި މާ ގިނައިރުތަކެއް އޮވެވޭ ގޮތެއް ނުވި އެވެ. ވިކްޓަރީއިން ލަނޑު ޖަހައި ލީޑު ނެގިތާ އަށް މިނެޓްފަހުން މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން ސަމްދޫހު މުހައްމަދު ނެގި ހުރަހަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އިރުފާނެވެ.

ގިނަ ހަމަލާތަކަކަށް ފަހު، މާޒިޔާއަށް ލީޑު ނެގުނީ މެޗުގެ 79 ވަނަ މިނެޓްގައެވެ. މެޗުގައި މާޒިޔާއަށް ފުރަތަމަ ފަހަރަށް އަބޫ ލީޑު ނަގައިދިނީ އަހްމަދު ނާޝިދު (ނާއްޓޭ) ނަގައިދިން ރީތި ހުރަހަކުންނެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ވެސް މާޒިޔާއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ނާއްޓޭ އަދި އިބްރާހިމް ޝިޔާމް (ދޮނާ) އުފެއްދި ހަމަލާ ވެސް އަމާޒުވީ ވިކްޓަރީގެ ގޯލުގެ ދަނޑިއަށެވެ.

ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ މާޒިޔާ އެވެ. ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ނުވަ މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އަށް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް އަށް މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ދިރާގު ދިވެހި ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.