ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ނުވާތީ، އެ މިނިސްޓްރީ ހިންގެވުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާ ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހެލްތު މިނިސްޓްރީ ހިންގެވުން ޑިފެންސް މިނިސްޓަރު ނާޒިމާ ހަވާލު ކުރެއްވީ، އެ މިނިސްޓްރީ އަކީ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ ތަނަކަށްވެފައި، މިވަގުތު އެ މިނިސްޓްރީ ހިންގަވާނެ ބޭފުޅަކު ނެތުމުން ކަމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޝަކީލާ އަށް ރުހުންދޭން ނުފެންނަ ކަމަށް 61 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އޭގެތެރޭގައި ޕީޕީއެމްއާއި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ. ޝަކީލާ އަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ 11 މެމްބަރުންނެވެ.