ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް،34، މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝިހާމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ކ. ތުލުސްދޫ، ރެޑްރޯސް މުހައްމަދު ނިޔާޒު،34، ގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިއަދު އެވެ. އަދި ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށ ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ވަޅިން ހަމަލާދީ ޝިހާމް މަރާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު، އޭނާގެ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައެވެވެ.

ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ ވިދާޅުވީ ޝިހާމް ޖޯއްޔަށް ދިޔައީ ރޯދަވީއްލުމަށްފަހު ކަމަށާއި ޝިހާމް ބާރަށް ހަޅޭލައްވައިގަތް އަޑަށް އެތަނަށް އޭނާގެ އާއިލާގެ މީހުން ދިޔައިރު ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ އޮތީ ލެއިން ފޯވެފައި ކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ޝިހާމް މަރާލާފައި ވަނީ ނިޔާޒުގެ މައްޗަށް އޭނާ ވައްކަމުގެ ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

ޝިހާމަކީ ތުލުސްދޫ މީހަކާ އިނދެގެން އެރަށުގައި ވަޒަންވެރިވެގެން އުޅޭ ތ. ކިނބިދޫ އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ މަރާލި ކަމަށް އިއުތިރާފުވި ނިޔާޒަކީ އެރަށުގައި ވަޒަންވެރިވެގެން އުޅޭ މާލޭ މީހެކެވެ.