11 Aug 2014, 16:22
އެމެރިކާގެ މިސޫރީސްޓޭޓްގައި ކަޅުނަސްލުގެ ޒުވާނަކު ގަޔަށް ފުލުހުން ބަޑިޖަހައި އޭނާ މަރާލުމުން އެ މައްސަލަ ވަރަށް ހޫނުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން މިއަދު ބުނީ މިސޫރީގެ ސެއިންޓް ލުއިސް ނަމަކަށް ކިޔާ ރަށުގެ ރަށްބޭރު ސަރަހައްދެއްގައި ކަޅު ނަސްލުގެ އުމުރުން 18 އަހަރުގެ މައިކަލް ބްރައުން ނަމަކަށް ކިޔާ ޒުވާނެއްގެ ގަޔަށް ފުލުހުން ތަކުރާރުކޮށް ބަޑިޖަހައި އޭނާ މަރާލި ކަމަށެވެ. އޭނާ ގަޔަށް ފުލުހުން ބަޑިޖެހީ ގެއިން ނުކުމެގެން އޭނާގެ މާމަގެ ގެއަށް ދަކޮށް ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުންނާ އެސަރަހައްދުގެ އާއްމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.
މައިކަލް މަރާލުމުން އެކަމާ ދެކޮޅަށް ނުކުތް އާއްމުން ގޮވާފައި ވަނީ "އިންސާފެއް ނެތް" ކަމަށާއި "އަމާންކަމެއް ނެތް" ކަމަށެވެ.
މައިކަލް މަރާލުމުން ފުލުހުންނާ އާއްމުންނާ ދެމެދު ހިނގި ކުރިމަތިލުމަށް ފަހު ބައެއް މީހުން ނުކުމެ ފިހާރަތަކާއި ކާރުތަކުގެ ބިއްލޫރިތައް ވެސް ތެޅި ކަމަށް ނޫހުގައިވެ އެވެ.
މައިކަލް ގަޔަށް ބަޑިޖެހި ސަބަބެއް ކަމަށް މިސޫރީ ފުލުހުން ބުނެފައި ވަނީ އެހެން ބަޔަކާ ގުޅިގެން ފުލުހުންނާ ކުރިމަތިލައި ބަޑިއެއް އަތުލަން އުޅުމެވެ. ނަމަވެސް އޭނާ ގަޔަށް ބަޑިޖެހި އިރު އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމަށް ފުލުހުން ވަނީ އެއްބަސްވެފަ އެވެ.