15 Jan 2011, 12:04
ތޫނިސް : ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ، ދަތުރުކުރެއްވި މަތިންދާބޯޓު ރޭގެ ފަތިހުގެ ވަގުތެއްގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގެ އެއަރޕޯޓްގައި ޖައްސައިފިއެވެ.
އަނބިކަނބަލުން ލާއިލާއައްތަރާބްލްސީ އާއި ބޭފުޅުންނާއެކު ބެންޢަލީ ޤައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހު ރޭގެވަގުތެއްގައި ފިއްލަވައިިގެންނެވެ. ޚަބަރުތައް ބުނާގޮތުން ސަޢޫދީ އަރަބިޔާއަށް ބެންޢަލީ ވަޑައިގެންނެވީ އޭނާއަށް ޙިމާޔަތްދިނުމަށް ފަރަންސޭސި ރައީސް ނިކޮލައި ސަރްކޯޒީ ދެކޮޅު ހެއްދެވުމުންނެވެ. ފަރަންސޭސިވިލާތަކީ ތޫނިސް އިސްތިޢްމާރުކޮށްގެން އުޅުނު ޤައުމެވެ. ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން ތޫނިސްއާ އެންމެ ގާތްގުޅުމެއް ބާއްވަމުން ގެންދަނީ ފަރަންސޭސިވިލާތުންނެވެ. ތޫނިސްގައި ވެރިކަންކުރާ ވެރިންނަކީ ފަރަންސޭސިވިލާތުގެ ރުހުމާއި ތާއީދު ވަރަށްބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ބެންޢަލީ ޖިއްދާއަށް ވަޑައިގަތުމުން ސަޢޫދީ ރަސްކަމުގެ ދީވާނުންވަނީ ބެންޢަލީއާއި އޭނާގެ ޢާއިލާއަށް މަރްޙަބާ ކިޔާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. ބެންޢަލީ އިޓަލީއަށް ވަޑައިގަންނަވަން އުޅުއްވި ކަމުގެ ޚަބަރުތަކެއްވެސް ފެތުރުނެވެ. ނަމަވެސް އިޓަލީގެ ޚާރިޖިއްޔާއިން ވަނީ މިކަން ދޮގުކޮށްފައެވެ.
އަނެއްކޮޅުން ބެންޢަލީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ އިޙްތިޖާޖްތައް މިހާރު ބޮޑު ހަމަނުޖެހުންތަކަކަށް ބަދަލުވެ ތޫނިސްގެ ރަށްތަކާއި ވިލެޖްތަކުގައި ވައްކަމާއި ލޫޓޫވުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިނގަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ވަގުތީ ގޮތުން ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި މުޙައްމަދު ޣައްނޫޝީ ވަނީ ހަމަހިމޭންވެ ތިބުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ވަގުތީ ރައީސްވަނީ ޤައުމުގެ ހުރިހާ ކަންކޮޅުތަކެއްގައި ކާފިއު އިޢްލާން ކުރައްވަފައެވެ. ތޫނިސްގެ ސިފައިންގެ ލަޝްކަރުތައްވަނީ ކުއްލި ޙާލަތަކަށް ގެނެވިފައެވެ. ފުހުލުންނާއި ސިފައިން ގުޅިގެން ޤައުމުގެ މުހިއްމު އަދި ޙައްސާސީ ތަންތަން ބަލަހައްޓަމުން ގެންދިޔަ ނަމަވެސް ރައްފުށުގެ ސަރަޙައްދުތަކުގައި އެއްވެސް އަމާންކަމެއް ރައްކާތެރިކަމެއްނެތް ކަމަށް ޚަބަރުތައް ބުނެއެވެ. ވަގުތީ ރައީސް މުޙައްމަދުލްގައްނޫޝީވަނީ ވަގުތީ ސަރުކާރެއް އެކުލަވާލަމުން ގެންދާކަން ހާމަކުރައްވާފައެވެ.
ތޫނިސްގެ ވެރިކަން ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ކުއްލިގޮތަކަށް ޙަވާލުކުރެއްވުމަށްފަހު ރައީސް ބިންޢަލީ ޤައުމު ދޫކުރައްވައި ފިއްލަވައިވަޑައިގަތީ އޭނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިޙްތިޖާޖްކުރަމުންގެންދާތާ ތިންހަފްތާ އަށްވުރެ ގިނަވެފައިވަނިކޮށެވެ. ސީދީ ބޫޒީދް ގައި މީގެތިންހަފްތާ ކުރިން މިއިޙްތިޖާޖްތައްފެށީ ވަޒީފާނުލިބިގެން މާޔޫސްވެފައިވާ ތޫނިސްގެ ޒުވާނުން، ވަޒީފާގެ ފުރްސަތުތައް ތަނަސްކޮށްދިނުމަށް އެދިއެވެ. ނަމަވެސް ބިންޢަލީގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުންފެށި އުތުރިއެރުމަކަށް ފަހުން މިކަން ބަދަލުވެގެން ދިޔައެވެ. އަދި މިއުތުރިއެރުން ކޮންޓްރޯލްކުރުމަށްޓަކައި ތޫނިސްގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި ފަންސާހަށްވުރެ ގިނަމީހުން މަރާލައި އެތަށް ސަތޭކަބަޔަކު ޒަޚަމްކޮށްލުމުންވެސް މިކަން ކޮންޓްރޯލް ކުރުމުގައި ބިންޢަލީގެ ސަރުކާރު ނާކާމިޔާބުވިއެވެ.
ހިމޭން އިންޤިލާބެއްގައި 1987 ވަނަ އަހަރު ބެންޢަލީ ވެރިކަމަށް އިސްވެ ވަޑައިގެންނެވީ ކުރީގެ ރައީސް އަލްޙަބީބް ބޫރްޤީބާ ވެރިކަމުން ޢަޒުލު ކުރެއްވުމަށްފަހުގައެވެ. އޭރު ބިންޢަލީ ހުންނެވީ ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައެވެ. ބިންޢަލީއަކީ ބޫރްޤީބާ ފަދައިން ހުޅަނގުގެ ތާއީދާއެކު ތޫނިސްގައި ޚުދުމުޚްތާރު ގޮތެއްގައި ވެރިކަމެއް ކުރެއްވި ހަރުކަށި ވެރިއެކެވެ. ބިންޢަލީގެ ވެރިކަމުގައި އެންމެ ބޮޑަށް އަނިޔާ ލިބުނީ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވާ ފަރާތްތަކަށެވެ. ޚާއްސަކޮށް އިސްލާމީ ޚިޔާލުގެ މީހުންނަށެވެ. ނަމަވެސް ޑިމޮކްރަސީއަށް ގޮވާލާ ޢިލްމާނީ ޚިޔާލުގެ ވަތަނީ މީހުންނާއި ލެބަރަލް އިސްލާޙްތަކަށް މަސައްކަތްކުރާ ޔޫރަޕް ސްޓައިލްގެ ލާދީނީ ފަރާތްތައްވެސް ބިންޢަލީގެ ޚުދުމުޚްތާރު ނިޒާމުގެ އަނިޔާވެރިކަމުން ސަލާމަތްވެފައެއް ނުވެއެވެ.
ވެރިކަން ދޫކޮށްލެއްވުމަށްފަހު ބިންޢަލީ ޤައުމުން ފިލާވަޑައިގެންނެވީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ އުތުރުއެރުން ކޮންޓްރޯލްނުވެ ވެރިކަން ވެއްޓި އަމިއްލަ ފުރާނަފުޅަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެވަޑައިގެންނެވެ. ވަގުތީ ގޮތުން ތޫނިސްގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވި ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީ ވިދާޅުވީ އޭނާ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވީ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ބިންޢަލީ ބިންޢަލީ ޢުޒުރުވެރިވެ ވަޑައިގަތުމާއެކު ވަގުތީ ގޮތުން ކަމުގައެވެ.