11 Aug 2014, 15:39
ފަލަސްތީނު މީހުންގެ ތެރެއިން ގާނޫނީ އިމުގެ ތެރޭގައި ތިބި ކަމަށް ސައުދީ އަރަބިއްޔާ އާއި މިސްރު ސަރުކާރުން ދެކޭ މީހުންނަށް ތާއީދު ކުރުމާ މެދު އެދެގައުމުގެ ވެރިން މަޝްވަރާކުރައްވައިފި އެވެ.
ސައުދީ ގެޒެޓްނޫހުން އިއްޔެ ބުނީ އިއްޔެ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އަލްސީސީ އާއި އެ ގައުމުގެ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ބައްދަލުކުރައްވައި ދެގައުމުގެ ގުޅުމާއި ސަރަހައްދީ މައްސަލަތަކާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.
"...ދެ ގައުމުގެ ކަންތައްތަކާއި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން އެ ދެބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އަރަބި އަދި ބައިނަލް އަގުވާމީ މަސްރަހުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ގާނޫނުގެ ތެރޭގައި ތިބި ފަލަސްތީނުމީހުންގެ ހައްގުތަކަށް ތާއީދު ކުރުމާއި ޓެރަރިޒަމާ ހަނގުރާމަކުރުމާ މެދު ވެސް މެއެވެ،" ސައުދީ ގެޒެޓް ނޫހުގައިވެ އެވެ.
ޢަބުދުﷲ އާއި އަލްސީސީ ގާނޫނީ އިމުގެ ތެރޭގައި ތިބި ފަލަސްތީނީން ކަމަށް ވިދާޅުވެފައި ވަނީ ކޮން ބައެއް ކަމެއް ނޫހަކުން ނުބުނެ އެވެ. ނަމަވެސް މިސްރުގެ މިހާރުގެ ސަރުކާރުން ދެކެނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. އަދި އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލުއާއްމަކީ ހަމާސްގެ ވެސް ސަބަބުން ވީ ކަމެއް ކަމަށް ޢަބުދުﷲ ރަސްގެފާނު ވަނީ ކުރިން ސިފަކުރައްވާފަ އެވެ.