11 Aug 2014, 14:52
ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައަޅާ ސަފީރުކަމަށް، ގ. ދެކެނަންފަރުގޭ ޑރ. މުޙައްމަދު ފައިޞަލް އައްޔަން ކުރަން ފެންނަ ކަަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ޑރ. ފައިސްލަށް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 70 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރަކު ތިއްބެވި އެވެ.
ޗައިނާގެ ސަފީރު ކަމަށް ފައިސަލް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރިއިރު އޭނާ އިއްޔެ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްޓްރީކަން ދެއްވާފަ އެވެ.
ޑރ ފައިސްލަށް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެ ގޮތަށް ފާސްކޮށްފައި ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.
ފައިސަލް ސަފީރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ޑރ. ފައިސަލަކީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންގްޓަން އިން ޑިވެލޮމްޕަންޓް ސްޓަޑީޒްގެ ރޮނގުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.