ވ. ރަކީދޫ ތިޖޫރީ ފަޅާލައި ވަގަށް ނެގި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރަކީދޫ ކައުންސިލް އިދާރާ ފަޅާލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހޯދާފައި ވަނީ 1،071،500 ރުފިޔާ އެވެ. ނަމަވެސް އެއީ ގެއްލުނު އިރު ތިޖޫރީގައި ހުރި ރުފިޔާގެ ޖުމްލަ އަދަދު ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ޖޫން 29 ވަނަ ދުވަހު އެ ފައިސާ ފެނިފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހަކަށް ނިސްބަތްވާ ތަނެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެތަނުގެ ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ. އަދި އެއީ ހައްޔަރު ކުރި ކޮން ބައެއްގެ ތަނެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބީ ތިން މީހުންނެވެ.

އެ ތިން މީހުންގެ ތެރެއިން 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު 15 ދުވަހަށެވެ. އަދި 22 އަހަރުގެ މީހާ އާއި 25 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޖުލައި 29 ވަނަ ދުވަހު 15 ދުވަހަށެވެ.

އެ މައްސަލައިގެ ތަހުގީގެ ބޮޑުބައި ނިންމައި މިހާރު ކުރަމުން އަންނަނީ ތަހުގީގުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ހަފުތާއެއްހައި ދުވަސް ތެރޭގައި މައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވޭ ވަރު ވާނެކަމަށް ފުލުހުން ބުނެ އެވެ.