މި އަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި އެސްޓީއޯ އިން ފިއުލް ސުޓޭޝަންއެއް ގާއިމް ކުރައްވާނެ ކަމަށް ސްޓޭޓް ޓްރޭޑީން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ ޗެއާމަން ހަސަން ޒިޔަތު މިއަދު ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގައި ފިއުލް ސުޓޭޝަންއެއް ހެދުމަށް ވަނީ ބިމެއް ހަމަޖެހިފައި ކަމަށާއި އަދި އެކަން ކުރުމަށް އެސްޓީއޯ އާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

"މިހާރު ބަސް ސުޓޭޝަން އިންނަ ސަރަހައްދުގައި ވަނީ [ފިއުލް ސުޓޭޝަން ހެދުމަށް] ބިން ކަނޑައެޅިފައި. އެތަނުގައި ލޯކަލް މާރުކޭޓް ވެސް އަދި މެއިން ބަސް ސުޓޮޕް ވެސް ލޯކަލް މާރުކޭޓް ވެސް އަދި ފިއުލް ސުޓޭޝަން ވެސް ހުންނާނީ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ ފިއުލް ސުޓޭޝަން ހެދުމަށް ކޮންސެޕްޓް ޑިޒައިން ކުރެވި ނިމިފައިވާ ކަމަށާއި އަދި އެކަން ކުރުމަށް ކަނޑައަޅާފައިވާ ބިން މި އަންނަ އަހަރުގެ ފެބުރުއަރީ މަހުގައި އެސްޓީއޯއާ ހަވާލުކުރެވޭނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ ފިއުލް ސުޓޭޝަން ހެދުމަށް އެކުންފުއްޏާ ބިންހަވާލުކުރެވޭތާ އެންމެ ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ސްޓޭޝަން ގާއިމްކުރެވި ހިދުމަތް ދެވެން ފެށުމުން މާލޭގައި ތެޔޮ ވިއްކާއަގުގައި ހުޅުމާލޭގައި ވެސް ތެޔޮ ވިއްކާނެ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ބޮޑަށް ދިމާވެފައިވާ ދަށްޗެއް ތެޔޮ ގަންނާނެ އިތުރު ޝެޑެއް ނެތުން [ހުޅުމާލޭގައި]،" އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިހާރު ތެޔޮ ވިއްކަމުން ގެންދަނީ އަމިއްލަ ބަޔަކު ހިންގާ ސްޓޭޝަންއަކުންނެވެ.