11 Aug 2014, 13:57
ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލައި ފޮށްޓަކަށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ހަ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 18 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު ހަ ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރު ކުރީ އިއްޔެ ކަމަށެވެ. އިއްޔެ އޭނާގެ ބަންދަށް އިތުރު ކުރީ 15 ދުވަސް ކަމަށާއި އެ މުއްދަތު ދެން ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުމުރުން 18 އަހަރުގެ އެ އަންހެން މީހާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީގައި ހުރި ފޮއްޓެއްގެ ތެރެއިންނެވެ.
އެ އަންހެން މީހާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިއަކު ލިބި، ވިހާފައި ވާތީ އެ އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އެ ތުއްތު އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.