11 Aug 2014, 13:53
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލް ގ. އަސްމަހި، އަބްދުލް ހަންނާނު އަހުމަދަށް އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
ޖޭއެސްސީ އަށް ހަނާންނު އައްޔަން ކުރަން ފާސްވީ މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގައި 44 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ހަންނާނު އައްޔަން ކުރައްވަން ނުފެންނަ ކަމަށް 18 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 12 މެމްބަރުން ތިއްބެވެ.
ހަންނާނަކީ މަދަނީ މައްސަލަތަކުގައި އާންމުކޮށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ އެވެ. ދުސްތޫރީ ބައެއް ބޮޑެތި މައްސަލަތަކުގައި ވެސް އޭނާ ކޯޓަށް ވަޑައިގެންފައިވެ އެވެ.
ހަންނާނުގެ އިތުރުން ޖޭއެސްސީ އަށް ކުރިމަތިލާފައި މީހުންނަކީ ފ. ނިލަންދޫ ބިއްދޮށުގޭ، އިބްރާހިމް އަހުމަދާއި ރ. ހުޅުދުއްފާރު ނާރެސް، ޒޫނާ އަހުމަދާއި މާލޭ ހިޔާ (2-1503) ހުޝާމް ވަހީދެވެ.
އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.