11 Aug 2014, 13:51
އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއް ކަމަށްވާ އެބޯލާ ވައިރަސް ޖެހިފައިވާ ގައުމުތަކުން ރާއްޖެ އަންނަ މީހުންގެ ސާވެއެލެންސްއެއް ހަދަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މިއަދު ވިދާޅުވީ އެ ބަލީގެ ވައިރަސް ހުރިތޯ ބެލުމަށް އެގައުމުތަކުން އަންނަ މީހުން އެއާޕޯޓްގައި ހުންނަ ހެލްތު ކައުންޓަރަށް ފޮނުވައިގެން ސާވެއެލެންސްއެއްް މީގެ ދެ ހަފްތާކުރިން ހަދަން ފަށައިފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުން އަންނަ އެއްވެސް މީހަކު ހުން އަތުވެއްޖެ ނަމަ އެޗްޕީއޭ އަށް އެންގުމަށް ހެލްތު ކައުންޓަރުން އެމީހުންނަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާކަމަކީ އެ ގައުމުތަކުން އަންނަ މީހުންގެ ގައިން އެބަލީގެ ވައިރަސް ހުރިތޯ ބެލުން، އެއިން އެއްވެސް ގައުމަކުން އަންނަ މީހަކު ހުން އަތުވެއްޖެއްޔާ އެމީހުން މޮނިޓާ ކުރުމުގެ މަސައްކަތް ފަށާނެ،" އަރޫނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން މިހާތަނަށް އެބަލީގެ ވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ގިނީ އާއި ސިއެރަލިއޯނާއި އާއި ލައިބީރިއާ އަދި ނައިޖީރިއާ ހިމެނެ އެވެ.
ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިން މިދުވަސްވަރު އެ ހަތަރު ގައުމަށް ދަތުރުނުކުރުމަށާއި ކޮންމެހެން ދާންޖެހިގެން ނޫނީ އެ ގައުމުތަކަށް ނުދިއުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ބޯލާ އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތައް ކަމަށްވާ ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ސިއެރަލިއޯން އާއި ގިނީއާއި ލައިބީރިއާ އިން މީން ދުވަހަކު މީހަކު ރާއްޖެ އައިސްފައި ނުވާ ކަމަށާއި އެ ބަލި ކޮންމެ ވެސް ވަރަކަށް ފެތުރިފައިވާ ގައުމެއް ކަމަށްވާ ނައިޖީރިއާ އިން ދެމީހަކު ރާއްޖެ އައިސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް ނައިޖީރިއާ އިން ރާއްޖެ އައި ދެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވެ އެވެ.
މި އޯގަސްޓް 6 ވަނަ ދުވަހާ ހަމައަށް ހުޅަނގު އެފްރިކާގެ ގައުމުތަކުން މިބަލި ޖެހިފައިވާ 1711 މީހުން ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 932 މީހުން ވަނީ މަރުވެފަ އެވެ. މިއީ 1976ގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ.