އިރާގުގައި އެގައުމުގެ މައިސަރުކާރާ ވަކިވެގަނެގެން އުޅޭ ކުރުދީންނަށް އެމެރިކާ އިން ހަތިޔާރުދޭން ފަށައިފި އެވެ.

އެމެރިކާގެ އިސް ބައެއް އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އެމެރިކާ އިން ސީދާގޮތެއްގައި ކުރުދީންނަށް ހަތިޔާރު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ އެމެރިކާގެ ކޮން އެޖެންސީއަކުން ކަމެއް އަދި ދެނީ ކޮންކޮން ހަތިޔާރެއް ކަމެއް އެ އޮފިޝަލުން ނުބުނާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެފަދަ އޮޕަރޭޝަންތައް ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ކުރިން ހިންގާފައިވާ ކަމަށެވެ.

އެމެރިކާ އިން ކުރުދީންނަށް ހަތިޔާރުދޭން ފަށާފައި މިވަނީ ކުރުދިސްތާން ނަމަކަށް ކިޔާ ސަރަހައްދުގައި މީގެ 23 އަހަރު ކުރިން ފެށިގެން ކުރުދީން ހިންގަމުން އަންނަ ވަކި ވެރިކަމަކީ ދައުލަތަކަށް ހަދަން އެމީހުން ވާހަކަ ދައްކަމުން އަންނަ ދުވަސްވަރެއްގަ އެވެ. އަދި އިރާގާއި ސޫރިޔާގައި ސުންނީ ހަނގުރާމަވެރިން ގާއިމްކޮށްފައިވާ އިސްލާމިކް ސްޓޭޓް( އައިއެސް)ގެ ހަނގުރާމަވެރިން ކުރުދީންގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައި ވަނިކޮށެވެ. އައިއެސް އިން ކުރުދީންގެ ސަރަހައްދުތަކަށް ހަމަލާދޭން ފެށުމާ އެކު އެމެރިކާ އިން ވަނީ އެޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފަށާފަ އެވެ.

ހަމަލާތައް ފެށުމުގެ ކުރިން އެމެރިކާ އިން ބުނެފައި ވަނީ އެހަމަލާތަކުގެ ބޭނުމަކީ އައިއެސްގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިރާގުގެ ދީނީގޮތުން ބައިމަދު ޔަޒީދީން ހިމާޔަތް ކުރުން ކަމަށެވެ.

އައިއެސް އިން މިހާރު ހިފުމަށް އަމާޒުކޮށްގެން އުޅޭ ކުރުދިސްތާނުގެ ވެރިރަށް އިރުބީލްއަކީ އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ގިނަ މަސްލަހަތުތަކެއް އޮތް ރަށެކެވެ. އެ ރަށުގައި އެމެރިކާގެ 6000 އޮފިޝަލުންނާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައެއް ތެޔޮ ކުންފުނިތަކުގެ އިސް މީހުން ތިބެ އެވެ.

ކުރުދީންގެ ރީޖަނަލް ސަރުކާރުން އަންނަނީ އިރާގުގެ އެންމެ ގިނައިން ތެޔޮ ހުރި ބައެއް ތެޔޮވަޅުތައް ކޮންޓްރޯލް ކުރަމުންނެވެ. އަދި އިރާގުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް އެމީހުން އަންނަނީ ތުރުކީއާއި އެމެރިކާގެ ބައެއް ކުންފުނިތަކަށް އަމިއްލައަށް ތެޔޮ ވިއްކަމުންނެވެ