ހުސްވި ޖުލައިމަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 2013 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާ އިރު 39 ޕަސެންޓް ދަށް ވެއްޖެ އެވެ.

ކަސްޓަމުސްގެ ހިސާބްތަކަށް ބަލާ އިރު މި އަހަރުގެ ޖުލައިގައި ރާއްޖެ އިން 86.8 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އިން ވަނީ 141.9 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.

ކަސްޓަމުސް އިން ބުނީ ޖުލައި މަހު ރާއްޖެ އިން އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާ އިރު ދަށްވެފައި ވަނީ މިދިޔަ އަހަރުގެެ ޖުލައި މަހު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ފިނިކުރި، "ރީނދޫ އުރަހަ ކަންނެލި" މިއަހަރުގެ އެމުއްދަތުގައި އެކްސްޕޯޓްކުރެވުނު މިންވަރު 99 އިންސައްތަ ދަށްވެފައިވުމުން ކަމަށެވެ.

"ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރެވޭ ފަސް ގައުމު ހިމެނޭ ލިސްޓްގައި އާންމުކޮށް ހިމެނޭ ތައިލެންޑް މި ޖުލައިމަހުގެ ލިސްޓްގައި ނުހިމެނޭއިރު ޖުލައިމަހު އެގައުމަށް އެކްސްޕޯޓްކުރެވުނު މިންވަރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު 99 އިންސައްތަ ދަށްވެފައިވެ،" ކަސްޓަމުސްއިން ބުންޏެވެ.

ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު ރާއްޖެ އިން އެކްސްޕޯޓްކުރި މުދަލުގެ 54 އިންސައްތަ އެކްސްޕޯޓްކުރެވިފައި ވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. އެގޮތުން މިދިޔަ ޖުލައިމަހު 47 މިލިއަން ރުފިޔާގެ މުދާ ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވެ އެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު އެމުއްދަތުގައި ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރެވިފައި ވަނީ ފްރާންސަށެވެ. ފާއިތުވި ޖުލައިމަހު އެ ގައުމަށް 18.6 މިލިއަން ރުފިޔާ މުދާ އެކްސްޕޯޓްކުރެވިފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ސައުތު ކޮރެއާ އަށް 14.6 މިލިއަން ރުފިޔާގެ މުދާ އެކުސްޕޯޓްކޮށްފައިވާ އިރު ތިން ވަނަ އަށް އެންމެ ގިނަ މުދާ އެކުސްޕޯޓްކުރި އަޔަލޭންޑް އަށް 12.8 މިލިއަން ރުފިޔާގެ މުދާ އެކުސްޕޯޓްކޮށްފައިވެ އެވެ.

އިމްޕޯޓު ކުރި މިންވަރަށް ބަލާއިރު ޖުލައި މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 2013 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާ އިރު 26 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. މިގޮތުން އިމްޕޯޓްކުރި ޖުމްލަ ތެލުގެ އަގަކީ 962.3 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެއީ 472.6 މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އެވެ. އެއީ 419.6 މިލިއަން ރުފިޔާ އެވެ.

އެމުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރެވިފައިވާ ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ. އެ ގައުމުން 707.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ދެން އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓްކުރެވުނު މެލޭޝިޔާއިން 494.6 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރު، 379.3 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެ އެވެ.

ކަސްޓަމްސްގެ އިތުރު ހިސާބްތަކަށް ބަލާއިރު މިދިޔަ ޖުލަ އިމަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އާމްދަނީގެ ގޮތުގައި 128.8 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ޖުލައި މަހު މިއަދަދު ވަނީ 155.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.