11 Aug 2014, 13:40
ހެލްތް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޑރ. ޝަކީލާއަށް ރުހުން ނުދިނުމަށް ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރުންގެ ވޯޓާއެކުގަ އެވެ.
މިއަދުގެ ޖަލްސާގައި ޑރ. ޝަކީލާއަށް ރުހުން ދޭން ނުފެންނަ ކަމަށް 61 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ޝަކިލާއަށް ރުހުން ނުދިނުމަށް ޕީޕީއެމް އިން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރި އިރު، ޖުމްހޫރީ ޕާޓީން ވަނީ އެކަމަނާ އަށް ރުހުން ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ.
ޑރ. ޝަކީލާއަށް ރުހުން ދިނުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ފާސްކޮށްފައިވަނީ ވެސް ހަނި އަޣުލަބިއްޔަތަކުންނެވެ.
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑރ. ޝަކީލާ ހުންނެވީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގެ މަގާމުގަ އެވެ. އޭގެ ފަހުން އެކަމަނާ މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑާގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމިން އެވެ. ޑރ. ޝަކީލާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ދެވަނަ ފަހަރަށް ރައީސް ޔާމީން ފޮނުއްވެވީ ހެލްތް މިނިސްޓްރީގެ ތެރެއިން ޖެންޑާ އެންޑް ފެމިލީ ބައި ވަކި ކުރުމަށްފަހު ހެލްތް މިނިސްޓްރީ ވަކިން ހިންގެވުމަށް ނިންމެވުމާ ގުޅިގެންނެވެ.