11 Aug 2014, 13:16
ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ދިރާގުން ކޮންމެ ރޯދަމަހަކާ ދިމާކޮށް ކުރިޔަށް ގެންދާ ދިރާގު ރޯދަ ބޮޑުހަދިޔާ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ހޮވާލެވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ލިބޭ ސައިކަލު ހަވާލުކޮށްފި އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގުން ކުރިޔަށްގެންދާ އެކުންފުނީގެ ބޮޑު ރޯދަ ހަދިޔާ ޕްރޮމޯޝަން މިއަހަރު ކުރިޔަށް ގެންދިޔައީ އެހެން އަހަރުތަކާ ޚިލާފަށް ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މުޅި ރޯދަމަހު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް "ދިރާގު ބޮޑު ރޯދަހަދިޔާ" ގެ ނަމުގައި 500،000 ރުފިޔާގެ އަގުހުރި އިނާމު ދޭއިރު، ރޯދަމަހުގެ ކޮންމެ ހަފްތާއަކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް އެލިޔާ އިންވެސްޓްމަންޓް ގެ ފަރާތުން "ދިރާގު ހަފްތާގެ ރޯދަ ބޮޑުހަދިޔާ" ގެ ނަމުގައި އެ ބޭފުޅަކު ބޭނުންވާ ޔަމަހާ ބްރޭންޑްގެ ސައިކަލެއް ހަވާލުކުރާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
"ބަރަކާތްތެރި ރަމަޟާންމަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ދިރާގު ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝާންތަކެއް މިދަނީ ހިންގަމުން. އެގޮތުން މިއަހަރު އަޅުގަނޑުމެން ބެލީ ވޭތުވެ ދިޔަ އަހަރުތާކާއި ތަފާތުކޮށް އެހެންނަމަވެސް ކަސްޓަމަރުން އެންމެ ބޭނުންވާނެ ގޮތަށް ޕްރޮމޯޝަންތަކެއް ބައްޓަންކޮށްގެން ކުރިއަށް ގެންދެވޭތޯ. އަދި އެންމެ ފެންވަރު ރަނގަޅު އިންޓަނޭޝަނަލް ބްރޭންޑްތައް ރާއްޖޭގައި ގެންގުޅުއްވާ ފުންނާބު އުސް ދެ ކުންފުންނި ކަމަށްވާ އީވޯ ހޯމްއާއި އެލިއާ އިންވެސްޓްމެންޓާއި އެކު ޕާޓްނަރޝިޕެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ފެންވަރު ރަނގަޅު އިނާމުތައް ވޮރަންޓީއާއި އެކު ފޯރުކޮށްދިނުން،" އިމްޖާދު ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ހޮވާލެވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ލިބޭ ސައިކަލު މިހާރުވަނީ ހަވާލުކޮށްފަ އެވެ. ދިރާގު ހަފްތާގެ ރޯދަ ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މ. މެޑަލްމާގެ އާގެ އަހުމަދު ރިޒާ އެވެ. އިނާމެއްގެ ގޮތުގައި އޭނާ އިހްތިޔާރު ކޮށްފައިވަނީ ޔަމަހާ ޒިއޮން ބްރޭންޑްގެ ސައިކަލެކެވެ.

ދެވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ނ.ވެލިދޫ، އަދާ، އައިމިނަތު ސުނީލާ އެވެ. އިނާމެއްގެ ގޮތުގައި އޭނާ އިހްތިޔާރު ކޮށްފައިވަނީ ޔަމަހާ ޒިއޮން ބްރޭންޑްގެ ސައިކަލެކެވެ.

ދިރާގު ހަފްތާގެ ރޯދަ ބޮޑުހަދިޔާގެ ތިންވަނަ ހަފްތާގެ ނަސީބުވެރި އަކަށް ހޮވިފައި ވަނީ ގ. ޑޮލްފިން ހައުސް އުތުރު ބައި އަބްދުﷲ ސުނިލް އެވެ. އިނާމަކަށް އޭނާ އިހްތިޔާރުކޮށްފައި ވަނީ ޔަމަހާ ޖުޕިޓަރ ބްރޭންޑްގެ ސައިކަލެކެވެ.

ދިރާގު ހަފްތާގެ ރޯދަ ބޮޑުހަދިޔާގެ ހަތަރުވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މއ. މަލިކު ވިއު ރައުނާ މުހައްމަދު ރަޝާދު އެވެ. ނަމަވެސް އިނާމެއްގެ ގޮތުގައި ލިބޭ ޔަމަހާ ބްރޭންޑްގެ ސައިކަލު އިހްތިޔާރު ކުރުމުގެ ބަދަލުގައި އޭނާ އިހްތިޔާރުކޮށްފައި ވަނީ ސައިކަލަށް ވާވަރަށް ފައިސާ އެވެ.
ފަސްލައްކަ ރުފިޔާގެ އަގުހުރި "ރޯދަ ބޮޑު ހަދިޔާ" ގެ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ފަހު ހަފްތާގެ ތެރޭގަ އެވެ. އެ އިނާމު ލިބެނީ ރޯދަ މަހު 150ރ. ދިރާގު ޚިދުމަތްތަކަށް ހޭދަކުރާ ކަސްޓަމަރުންގެ ތެރޭގައި ނެގޭ ލަކީޑްރޯ އަކުންނެވެ. އީވޯ ހޯމްގެ ފަރާތުން އެ އިނާމަށް ހުށަހަޅާފައި ވަނީ ތިން ކޮޓަރީގެ ފްލެޓެއް މުޅިން އައު ކޮށްލުމުގެ ފުރުސަތެވެ.