ހުޅުމާލޭގައި އެސްޓީއޯ އިން ވަގުތީ ފާމަސީއެއް ހުޅުވައި ދާއިމީ ފާމަސީއެއް ހެދުމަށް ބިންގާ އަޅައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި އެ ފާމަސީ ހުޅުވައި ދެއްވައި އަދި އެ ހޮސްޕިޓަލްގެ ގޯތިތެރޭގައި އެޅި އެބިންގާ އަޅުއްވައިދެއްވީ އެސްޓީއޯ މެނޭޖިންގް ޑިރެކްޓާ އާދަމް އާޒިމް އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ހަސަން ޒިޔަތު އެވެ.

އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ ޗެއާމަން ޒިޔަތު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ފާމަސީއަކީ 24 ގަޑިއިރު ހިދުމަތްދޭ އާސަންދާގެ ހިދުމަތް ލިބޭ ފާމަސީއެއް ކަމަށެވެ.

"މިފާމަސީ އިން ހުޅުމާލޭ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް،" ޒިޔަތު ވިދާޅުވި އެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓާ އާޒިމް ވިދާޅުވީ 2015 އަހަރުގެ ޑިސެމްބަރު މަސް ނިމެންވާ އިރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ގާއމް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިއަދު ހުޅުމާލޭގައި ހުޅުވި ފާމަސީއަކީ ހުރިހާ ބޭހަކާއި އާސަންދާގެ ހިދުމަތް ލިބޭ ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ކަންކަން ވެގެން ދިއުމުން ހުޅުމާލެ ރައްޔިތުން ކުރަން ޖެހޭ ދަތުރުތައް މަދުވާނެ ކަމަށް އުންމީދު ކުރަން." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު އަށް މަސް ދުވަހުގެ ތެރޭގައި 500 ފާމަސިސްޓުން ތަމްރީން ކުރެވޭނެ ކަމަށާ އެއާ އެކު އެ ކުންފުނީގެ ފާމަސީތަކުގައި މަސައްކަތްކުރައް ވާނީ ގާބިލް ދިވެހިން ކަމަށެވެ.

އާޒިމް ވިދާޅުވީ މިއަދު ބިންގާއެޅި ފާމަސީ އިމާރާތް ކުރުމަށް ދޮޅު މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށާއި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އަލަށް އިމާރާތް ކުރާ ފާމަސީއަކީ ހުޅުމާލޭގެ މުސްތަގުބަލަށް ބަލާ އިމާރާތްކުރާ ފާމަސީއެއް ކަމަށެވެ.