ދަނޑުވެރިކަމާއި ފެހުމާއި ބޯކޮށުމުގެ މަސައްކަތަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުން އިމިގްރޭޝަނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މަސައްކަތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުއްޓާލާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އެ ފިޔަވަޅަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާއި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"...ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދަކަށް ބިދޭސީން އައުން އިތުރުވަމުން ދިއުމާ ގުޅިގެން ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޑިޕާޓްމެންޓް އިމިގްރޭޝަނުން ތަފާތު ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ވަޒީފާގެ ބާޒާރުގައި ދިވެހީންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވަރަށް އިސްކަންދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ތިން މަސައްކަތަކަށް ހާއްސަކޮށްގެން މީހުން ގެނައުމަށް ކޯޓާ ދޫކުރުން ހުއްޓައިލީ ނަމަވެސް ، ކުންފުނިތައް ހިންގުމުގެ މަސައްކަތް އަލަށް ފަށައިގަތުމަށް ދޫކުރާ ފަސް ކޯޓާގެ ދަށުން، ނަން ޕްރޮފެޝަނަލް (ވަކިމަސައްކަތަކަށް ހާއްސަނުވާ) ކެޓަގަރީގެ މަގާމަށް އެއް ކޯޓާ ދޫކުރަން އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ.