ގާހިރާ (އޮގަސްޓް 10) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ގުޅިގެން ބަދަލުކުރަމުންގެންދާ ޙަމަލާތައް އަނެއްކާ ވެސް 72 ގަޑީއިރަށް މެދުކަނޑާލުމަށް އިސްރާއީލާއި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުން ރޭ އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް މިއަދު ހެނދުނު ފަލަސްތީނުގެ ގަޑިން އަށްގަޑި ސުންމިނިއްޓުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ގާހިރާގައި ދެކެވެމުންދާ ވާހަކަތަކުގައި މެދުވެރިއެއްގެބައި އަދާކުރާ މިސްރުގެ ޚާރިޖިއްޔާ އިން ބުނީ ޙަމަލާތައް 72 ގަޑިއިރަށް މެދުކަނޑާލުމަށް އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުން އެއްބަސްވީ މިސްރުން އެދުނު އެދުމެއްގެ މަތިން ރޭގެ ވަގުތެއްގައި ކަމަށާ މިސްރުން މިކަމަށް އެދުނީ ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް އިސްރާއީލާއި ފަލަސްތީނުން ހުށަހަޅާ ޝަރުތުތަކާ މެދު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ދެ ފަރާތަށް ފުރްސަތު ހޯދައިދިނުމުގެ ގޮތުން ކަމުގަ އެވެ.

އަލްޖަޒީރާ އިން ބުނެފައި ވަނީ ހަމަލާތައް 72 ގަޑިއިރަށް މެދުކަނޑާލުމަށް ޙަމާސް ޖަމާއަތާއި އިސްރާއީލުން ރޭ އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް މިއަދު ހެނދުނު ފަލަސްތީނުގެ ގަޑިން އަށްގަޑި ސުންމިނިއްޓުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން ޣައްޒާ އަށް އިސްރާއީލުން ދޭ އުދުވާނި ހަމަލާތަކާއި އަދި ހަމާސުން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތައް ވެސް މިސުންގަނޑިއަށް ފަހު ހުއްޓާލާފައިވާ ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ.

ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް ފަލަސްތީނުން ހުށަހަޅާ ޝަރުތައް ގަބޫލުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން މީގެ ކުރިން ވެސް ވަނީ 72 ގަޑީއިރަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު މިދިޔަ ހުކުރު ދުވަހު ޙަމަލާތައް އަލުން ފަށާފަ އެވެ. ނަމަވެސް ހުކުރު ދުވަހު އަލުން ޙަމަލާތައް ފެށި ފަހުން އިސްރާއީލުގެ ހަރުކަށިކަމަށްވަނީ ކޮންމެވެސް މައިތިރިކަމެއް އައިސްފަ އެވެ. ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް ފަލަސްތީނުން ހުށަހަޅާ މައިގަނޑު ޝަރުތަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމެވެ. މީގެ ތެރޭގައި އދ.ގެ ބެލުމުގެ ދަށުން ހިންގާ ކަނޑުގެ ބަނދަރެއް ޣައްޒާގައި ގާއިމް ކުރުމުގެ ފުރްސަތު ދިނުންވެސް ހިމެނެ އެވެ. މިބަނދަރު ބިނާކުރުމަށް ބޭނުންވާ އެއްބިލިޔަން ޑޮލަރު ޚަރަދުކޮށްދޭން ތައްޔާރަށްއޮތްކަން ގަތަރުންވަނީ ހާމަކޮށްފަ އެވެ.

މިބަނދަރު ބިނާކުރުމުގެ ބޭނުމަކީ މިސްރުން ޣައްޒާގެ ސަރަހައްދީ ރޮނގު ބަންދުކޮށް ޣައްޒާގެ ރައްޔިތުންނަށް ފިއްތަމުންދާ ފިއްތުންތަކުން ވެސް ސަލާމަތްވުމެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއަކީ ހަމާސް ޖަމާއަތުގެ ދުވަސްދުއްވާލުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކުގެ ބައިވެރިއެއް ކަމަށް އިސްރާއީލުގެ ހަރުކަށި ވަޒީރެއް ކަމަށްވާ ޖަސްޓިސް މިނިސްޓަރު ސިބީ ލެވްނީ ވަނީ ވިދާޅުވެފައެވެ. ލެވްނީގެ މިވާހަކަތައް މިސްރު ސަރުކާރުން ދޮގުކޮށްފައެއްނުވެ އެވެ. ލެވްނީގެ ވާހަކަތައް ސާފުކޮށްދިނުމަށް މިސްރުގެ ކިބައިން ޙަމާސްއިން އެދުމުން މިސްރުގެ ސަރުކާރުން ވަނީ އެކަމަށް ބިރުކަންފަތެއް ދީފަ އެވެ.

އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް ދެކޮޅު ހަދަމުންނެވެ. މި ލާއިންސާނި ފިޔަވަޅުތަކުގައި ބައިވެރިވާ ކަމުގެ ތުހުމަތު މިސްރުގެ ސީސީގެ ސަރުކާރުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އަދި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެފަހުން ހިންގި ގަތްލުއާންމުގައި މަރާފައިވާ މިންވަރަށް ވުރެ ގިނަ މިސްރު ރައްޔިތުން މެރި ޖަރީމާތަކުގެ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތުވެސް ސީސީގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

މި ޖަރީމާތައް ހިންގީ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށްޓަކައި ސީސީ އިސްކޮށް ހުންނަވައިގެން ގެންނެވި އަސްކަރީ އިންގިލާބާ ދެކޮޅަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ކުރި އާދަޔާ ޚިލާފު މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގަ އެވެ. މިއޮޕަރޭޝަންތައް ހިންގާފައި ވަނީ ސީސީގެ އަމުރަށް ކަމަށްވެއެވެ.
މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާއި ގަތްލުއާންމު ތަކުގައި މިހާތަނަށް ފަލަސްތީނުގެ ނަވާރަ ސަތޭކައަށްވުރެ ގިނަމީހުންވަނީ ޝަހީދުކޮށްލައި ދިހަހާހަށްވުރެ ގިނަމީހުންވަނީ ޒަޚަމްކޮށްލާފައެވެ.