މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަފައިދާ އަށް ދައުލަތުގެ ފައިސާ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ގދ. ގައްދޫ އަލަނާސިގެ، އަހްމަދު އަމީގުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހުގައި އެދިފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރީގެ މާލޭ މުނިސިޕަލްޓީގެ ޕްރޮޖެކްޓް އޮފިސަރު ކަމުގެ މަގާމުގައި ހުރެ އަމިއްލަފައިދާ އަށް އޭނާ ދައުލަތުގެ ފައިސާ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭތީ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް އޭނާ ނެގި ކަމަށް ތުހުމަތު ކުރެވޭ 173،111.67 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަމީގު އެ މަގާމުގައި ހުރި މުއްދަތުގައި ފައިސާއާ ބެހޭ މަސައްކަތް ކޮށްފައިވަނީ އޭނާކަން ލިޔެކިޔުންތަކުން އެނގޭއިރު އޭނާ ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން އެ މަގާމުގައި ހުރި ދުވަސްވަރު ފައިސާ ބަލައިގަތުމަށްފަހު އެމްއެމްއޭ އަށް ފޮނުވާ ސްލިޕަށް ބަދަލުގެނެސްފައި ވަނީ އޭނާކަމަށާއި އަދި ލިބޭ ފައިސާގެ ތަފްސީލު ދުވަހު ފޮތަށް އަރުވާފައި ވަނީ ވެސް އޭނާ ކަމަށް ތަހުގީގުގައި އޭނާ އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރަސީދުތަކަށް ބަދަލުގެނެސް، އެއިން އުނިކުރި ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

"...އެމްއެމްއޭއަށް ޖަމާކުރާ ސްލިޕްތަކުގެ ތެރެއިން އަޅާކިޔައި އޮޕީނިއަން ދެވޭވަރުގެ ހުރިހާ އަތުލިޔުމަކާއި ސޮޔަކީ ހަސަން އަމީގުގެ އަތލިޔުމާއި، ސޮއިކަމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީއާއި، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބަލައިގެންފައިވާ ފައިސާގެ ތެރެއިން އެމްއެމްއޭއަށް ޖަމާކޮށްފައިނުވާ 173.111.67 އަކީ ހަސަން އަމީގުގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ފައިސާކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގދ. ގައްދޫ އަލަނާސިގެ ހަސަން އަމީގުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދުމުގެ ކުށުގެ ދައުވާކުރުމަށް މި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި" އޭސީސީގެ ބަޔާނުގައި ވެއެވެ.