11 Aug 2014, 11:41
އިންޑިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ފާމަސީތައް ހިންގަމުން އަންނަ ކުންފުންޏެއްކަމަށްވާ އެސްޓަރް ޑީއެމް ހެލްތުކެއާގެ އެސްޓަރް މެޑިސިޓީގައި ބައިވެރިވާން ރާއްޖޭން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން މިއަދު ބުނީ ކޮޗީގައި ހުންނަ އެސްޓަރް މެޑިސިޓީއަށް ރާއްޖޭގެ ހެލްތުމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރް ހުސައިން ރަޝީދާއި ޑެޕިއުޓީ މިނިސްޓަރް މުހައްމަދު މާހިރު މިދިޔަ ހޮނިހިރު ދުވަހު ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އެސްޓަރް މެޑިސިޓީގައި ބައިވެރިވުމަށް ރާއްޖޭން ޝައުގުވެރިވާ ކަމަށް ހުސައިން ރަޝީދު ވިދާޅުވި ކަމަށެވެ.
"... އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ޓަކައި އެސްޓާ މެޑިސިޓީއާ ބައިވެރިވާން ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން ޝައުގުވެރިވެފައި މިތިބީ،" ރަޝީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އެނޫހުން އަދި ބުނީ ރާއްޖެއާ ބައިވެރިވާން ޝައުގުވެރިވެވަޑައިގަންނަވާ ކަން އެސްޓަރް މެޑިސިޓީގެ ޗީފް އެގްޒެކެޓިވް ޑރ. ހަރިޝް ޕިލާއީ ވެސް ފާޅުކުރެއްވި ކަމަށެވެ.
އެސްޓަރް ޑީއެމް ހެލްތުކެއާ އަކީ 1987 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލްތަކާއި ޑަޔަގޮނަސްޓިކް ސެންޓަރްތަކާއި ކްލިނިކްތަކާއި ފާމަސީތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ހެޑްކުއާޓާޒް ހުންނަނީ ޔޫއޭއީގެ ދުބާއީގަ އެވެ.