ހދ. ހަނިމާދޫ ކައުންސިލް އިދާރާގޭ ރައީސް މުހައްމަދު ރާޒީގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި އެވެ.

ކައުންސިލް އިދާރާގެ މެމްބަރު އަބްދުއްސައްތާރު ހަސަން މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހު ބޭއްވި އެކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކޮށް މަގާމުން ދުރުކުރުމަށް ވޯޓެއް ނަގާފައިވާ ކަމަށެވެ.

އެކައުންސިލުންގެ އެގޮތަށް ފާސްކޮށްފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ތިން މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

"އިތުބާރު ނެތް ކަމުގެ ވޯޓެއް މިނެގީ ކައުންސިލްގެ ރައީސް މަގާމުގެ ނުފޫޒު ބޭނުން ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި، އޭގެ ފަހުން ވެސް އޮފީހަށް ވަޑައިގެން އުޅުއްވާ އެހެންނަމަވެސް ވަރަށް އެކަހެރިކޮށް އުޅުއްވަނީ،" ސައްތާރު ވިދާޅުވި އެވެ.

ކައުންސިލް އިދާރާ އިން ބުނީ ކުރީގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓެއް ނަގާފައިވާތީ އެވޯޓަކީ ސައްހަ ވޯޓެއްކަން ކަނޑައަޅަން އެކަން އެލްޖީއޭ އަށް އަންގާފަ އެެވެ.

ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ކައުންސިލުން އެޖެންޑާކޮށްފައިމި ވަނީ އޭނާ ރަށުން ބޭރަށް ވަޑައިގެންނަވަމުން އެމަގާމުގެ މަސްއޫލިއްޔަތު ކައުންސިލްގެ އެހެން މެމްބަރަކާއި ހަވާލުކުރެއްވި ފަހުންނެވެ.