15 Jan 2011, 11:19
މާރަނގައާ ބެހޭ ގޮތުން މީގެކުރިން ވެސް އަޅުގަނޑު ލިޔެފައިވާނެ އެވެ. ބައެއް ބަދަލުތަކާއެކު އަލުން މި ރިޕޯޓް ލިޔުނީ އައްޑު އަތޮޅު ރައްޔިތުން މާރަނގައަށް ވަދެގަނެ ތަންތަން ހަލާކުކުރި ދުވަހުގެ ކުލަ ފޮޓޯއެއް ލިބުމުން އަލުން ބައެއް ބައިތައް ހިމަނައިގެނެވެ. މި ފޮޓޯ އަޅުގަނޑަށް ދީފައި ވަނީ އައްޑު އަތޮޅުގެ ތާރީހުގެ ވަރަށް ބޮޑު ފޮޓޯއާކައިވް އެއް ގެންގުޅުއްވާ އިބްރާހިމް ފިރާގެވެ. ދާދި ފަހަކާ ޖެހެންދެން މާރަނގައިގައި ހިންގީ "މެދުވަތި" ކިޔާ ސައި ހޮޓަލެކެވެ. މިހާރު އެ އިމާރާތް ހުރީ ބަންދުކޮށްފަ އެވެ.
އިންޑިޔާ ކަނޑުގައި އަސްކަރީ ބާރު ވަރުގަދަކުރުމާ ބެހޭ ގޮތުން 1941 ވަނަ އަހަރު ވަރުގަދަ އަދި ސިއްރުވެރި އޮޕަރޭޝަނެއް އިނގިރޭސީން ފެށި އެވެ. މި އޮޕަރޭޝަނަކީ އިނގިރޭސި ސަރުކާރުން ރާއްޖޭގައި ހިންގި "އޮޕަރޭޝަން ކޮންކިއުބައިން" އާ މުޅިން ތަފާތު، ސިއްރުވެރި ހާއްސަ އޮޕަރޭޝަނެއް ކަމަށް ތާރީހު އިލްމުވެރިޔާ މަރުހޫމް މުހައްމަދު އިބުރާހިމް ލުތުފީ (1996). ވިދާޅުވެފައިވެ އެވެ.
ހާއްސަ އޮޕަރޭޝަނަށް އިނގިރޭސީން ދިން ކޯޑަކީ، "ޕޯޓް- ޓީ" އެވެ. އައްޑު އަތޮޅުގައި އިނގިރޭސި ސިފައިން ބައިތިއްބުމުގެ މަސައްކަތްކުރީ ޕޯޓް- ޓީ އޮޕަރޭޝަންގައި ނިންމި ނިންމުމެއްގެ މައްޗަށެވެ. ޕޯޓް- ޓީގެ ދަށުން އަތޮޅުގެ އެކި ރަށްރަށުގައި އިނގިރޭސި ރޯޔަލް މެރިން ސިފައިން ތިބި ނަމަވެސް މަސައްކަތުގެ މައި މަރުކަޒަކަށް ހެދީ ގަމެވެ. ހޮސްޕިޓަލާއި ސިފައިންނަށް ބޭނުންވާ އެހެން ހުރިހާ ކަމެއް ތަރުތީބުކޮށްފައި ވަނީ ވެސް ގަމުގަ އެވެ.
ލުތުފީ (1996). ވަނަ އަހަރު ވިދާޅުވި ގޮތުގައި އޮޕަރޭޝަން ޕޯޓް- ޓީ ގައި ގަން ފައްކާ ކުރިއިރު އޭގެ ކުރިން، ހިޖުރައިން 1925 ގައި އެޅި ގަމުގެ ވާރުގެ ހުރި ތަން ބަދަލުވެގެން ދިޔައީ އިނގިރޭސި މަނަވަރު ސިފައިންގެ މައި މަރުކަޒަށެވެ. މާރަނގަ އަކީ އެއީ އެވެ. މާރަނގަ އަކީ ދެ ބުރިއަށް ހަދާފައިވާ ވަރުގަދަ އިމާރާތެކެވެ.
އިނގިރޭސީން އައްޑުއަށް ފުރަތަމަ ފޭބީ ސެޕްޓެމްބަރު 29، 1941 ގަ އެވެ. އައްޑު އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ހަތިޔާރު ބަހައްޓައި، ދިފާއީ ނިޒާމްތައް ގާއިމުކުރި އެވެ. ވަރުގަދަ އިމާރާތްތަކެއް އެޅި އެވެ. މާރަނގަ އަކީ ވާރުގެ ހުރި ތަނުގައި އެމީހުން އެޅި އެފަދަ ވަރުގަދަ ތަނަކެވެ.
ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމު (2010). ވިދާޅުވި ގޮތުގައި މާރަނގަ ހަދާފައި ވަނީ އިނގިރޭސީން ބޭނުންވި ގޮތަށެވެ. މާރަނގަ ނިމެންދެން ކަނޑުގެ ސިފައިންގެ މަސައްކަތް ހިންގީ ބޮޑު ދެ މަނަވަރު ކަމަށްވާ "ހައިޓާން" އާއި "ރާންޗީ" ގަ އެވެ. ގަމުގެ މާރަނގެ ހެދުމަށް ފަހު އިނގިރޭސި ކަނޑުގެ ސިފައިންގެ އެންމެ އިސް ވެރިން އެކި ދުވަސްވަރު އެތާނގައި ތިއްބެވި އެވެ. އޭގެ ތެރޭގައި ކޮމާންޑާ ބްރެސްކޯ އާއި ކޮމާންޑާ ރީޑް ހިމެނެ އެވެ.
މާރަނގައަކީ ދިވެހި ތާރީހުގައި ވަރަށް މުހިންމު މަރުކަޒެކެވެ. އެތަނާ ނުލައި ދިވެހި ތާރީހުގެ ފޮތް މުޅިން ފުރިހަމަ ނުވާވަރުގެ "މުއައްސަސާ" އެކެވެ. އެންމެ ހާއްސަ ކަމަކީ އެތަނަކީ ސުވާދީބު ސަރުކާރުގެ "ރައްޔިތުންގެ މަޖިލިސް ކުރާގެ" ކަމަށް ވުމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ރާއްޖޭގައި އިނގިރޭސިން ރޭވީ އޮޕަރޭޝަންތައް، ހައި ސެކިއުރިޓީ ލެވެލްގައި އެންމެ މަތީ ފެންވަރަށް ރޭވި މައި މަރުކަޒަކީ އެއީ އެވެ. މުޅި މާރަނގައަކީ ވަރަށް މަތީ ދަރަޖައިގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކޮމާންޑް ސެންޓަރެއް ކަމަށް ނަސީމް ވިދާޅުވި އެވެ.
ދެވަނަ ބޮޑު ހަނގުރާމަ 1945 ގައި ނިމި އައްޑު އަތޮޅުން އިނގިރޭސީން ފޭބުމާ އެކު އިނގިރޭސި ބިނާތައް ފަޅުވެ ފަނާވި އެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް 1956 ގައި އިނގިރޭސީން ގަމަށް އައުމަށް ފަހު އެ މީހުންނަށް އެންމެ ކަމުދާ ތަނަކަށްވީ މާރަނގަ އެވެ. ބޮޑަށް މާރަނގަ ބޭނުންކުރީ ދިވެހި ސަރުކާރުގެ އޮފިޝަލުންނަށް ހާއްސަ ކޮށްގެނެވެ. އެއާ އެކު އިނގިރޭސީންނާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ކޯޑިނޭޓިން ކޮމެޓީތަކުގެ މަސައްކަތް ހިންގާ ސަރުކާރުގެ އޮފީސް ބްލޮކްތައް ހެދީވެސް މާރަނގައިގެ ތެރެއަށް ބެހިގެންދާ ގޮތަށެވެ. އަދި އެއް ދުވަސް ވަރެއްގައި ސަރުކާރުގެ އިސް ބޭފުޅުން ގަމަށް ވަޑައިގެން ތިއްބަވާ ގެކޮޅަކީ ނުވަތަ އޮފީހަކީ ވެސް މާރަނގަ އެވެ. އައްޑު އަތޮޅުގައި 1960 ގެ ކުރީކޮޅު ސަރުކާރާ ދެކޮޅުވެރިވެ ބަޣާވާތެއްކޮށް، ގާއިމުކުރި ދައުލަތް، "ޕީޕަލްސް ރިޕަބްލިކް އޮފް ސުވަދީބު"ގެ ރައްޔިތުން މަޖިލިސްކުރާގެ އަކީ ވެސް މާރަނގަ އެވެ.
ޖުމްލަކޮށް ބަލާއިރު މާރަނގަ ބޭނުން ކުރެވުނު މައިގަނޑު ސިފައަކީ މަޝްވަރާތައް ބޭއްވުމެވެ. ޖެނުއަރީ 1، 1959 ގައި އައްޑު އަތޮޅު އެހެން ބައެއްގެ ބާރުގެ ދަށަށް ދިއުމަށް ފަހު ވެސް މާރަނގައިގެ ބޭނުން ކުރީ މަޝްވަރާ އަށެވެ.
އައްޑޫ މީހުން ދިވެހި ސަރުކާރުގެ ސިޔާސަތާ ނުރުހިއްޖެ އެވެ. ދިވެހި ސަރުކާރުގެ ތެރޭގައި އޮތް ކޯޅުންތަކާ މެދު ފޫހިވެއްޖެ އެވެ. އެ ދަނޑިވަޅު ދިވެހި ސަރުކާރު "ނިދާފައި" އޮއްވާ އެތަކެއް ސަތޭކަ ބަޔަކު އޮޑިތައް ކަނޑައިގެން ގަމަށް ގޮސް މާރަނގައަށް ވަދެގެންފި އެވެ.
އެމީހުން ލިޔެކިޔުންތައް ވީދާ މާރަނަގަ ހަކާލުކޮށް ސުންނާފަތިކޮށް ހުޅުޖަހައި ހަދައިފި އެވެ. ގަމުގައި ވަރުގަދައަށް ރުކުރުވާލާފައިވާ އިނގިރޭސި ސިފައިންގެ ސަފުތައް ރޫޅައިލުމަށް ފަހު ހިންގި ހާދިސާ އައީ ޖެނުއަރީ އެއްވަނަ ދުވަހުގެ ފަތިހު ފަހެއްޖަހާ އެހާކަންހާއިރު އެވެ. އަތޮޅުގެ އެކި ރަށްރަށުން ދޯނި ފަހަރުގައި ގަމަށް އަރައިގަތީ ރުޅިގަދަ ވެފައިވާ ކުޅަނދުރުތަކެއް ފަދައިންނެވެ. މި ވަރުގަދަ ދަތުރަކީ މާރަނގަ ތަޅައިލަން ކުރި ދަތުރެކެވެ. އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމެކެވެ.
ދުރާލައި ރޭވިގެން އައި ހާދިސާގައި މާރަނގައަށް ބޮޑެތި ގެއްލުންދީ، އައްޑޫ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ފޮނުވާފައިވާ އޮފިޝަލު އޯކިޑްމާގޭ އަހުމަދު ޒަކީ އަތުޖެހޭތޯ މަސައްކަތް ކުރި އެވެ. އެންމެން އެއް އަޑަކުން "ޒަކީގެ ދުވަސް ދުއްލާ!" ށޭ "އޅއ ނެރޭށޭ،!" ގޮވި އެވެ.
އެ ހާދިސާގައި ބައެއް މީހުން މާރަނގަ ހަލާކުކޮށް ގެއްލުން ދެމުން ދިޔައިރު އެނެއް ބައި މީހުން އުޅުނީ ޒަކީ އާއި އެހެން އޮފިޝަލުން ފެނޭތޯ ރަށުތެރޭގަ އެވެ. އިނގިރޭސި ސިފައިން ފަހަތަށް ޖެއްސުމަށްފަހު ރަށަށް އަރައި ގަތުމުން އިނގިރޭސީން ތިބީ ހެވިފަ އެވެ. ސަބަބަކީ އެމީހުން އަޑީގައި ތިބެ ރޯކުރި އަލިފާނުގެ ހުޅުގަނޑުގެ ފަޅައިގެން ދިއުމުންނެވެ. އައްޑު އަތޮޅުގެ ރައްޔިތުން ގޮވާނެހާ އެއްޗެއް ގޮވައި އުޅޭނެހާ ގޮތަކަށް އުޅެ ދެވެން އޮތް ގެއްލުމެއް ދިން އިރު ފެންހޮޅިތަކެއް ހިފައިގެން ދެކޮޅަށް ދުވެދުވެ އިނގިރޭސި ސިފައިން ތިބީ އެވެ. އެހެންނަމެސް ޒަކީ ހުންނެވީ އިނގިރޭސީންގެ ހިމާޔަތުގައި އިނގިރޭސި އާގުބޯޓެއްގަ އެވެ. ބޮނޑި ލިބިވަޑައިގަތީ އަންވަރު ހިލްމީ އަށެވެ. އުމުރުފުޅުން 80 އަހަރުފުޅުގައި ސެޕްޓެމްބަރު 24، 2005 ވަނަ އަހަރު އަންވަރު އަވަހާރަވުމުގެ ކުރިން މި މައުލޫމާތު ސާފު ކުރަން އަޅުގަނޑު ވަރަށް މަސައްކަތް ކުރީމެވެ. އާލާސްކަންފުޅާ އުޅުއްވާތީ ބައްދަލުވާ ގޮތެއް ނުވި އެވެ.
ޒަކީ ކަމަށް ހީކޮށް އަންވަރު ހިލްމީ އަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި އަނިޔާ ދިނެވެ. އެ ހާދިސާގައި ރައްޔިތުން ހަމައަކަށް އެޅުވޭތޯ އަފީފު ދީދީ ވަރަށް މަސައްކަތްކުރެއްވި އެވެ. ނަމަވެސް އިނގިރޭސީންގެ މަސައްކަތަށް ނުދިއުމަށް އެދި ސަރުކާރުން ފޮނުވި ސިޓީ އަފީފުގެ އަތްޕުޅުން ޖަހައިގަނެ އިރާ ކުދިކުދިކޮށްލުމަށް ފަހު ގަމަށް އަރައި މުޅި ތަން ގަޑުބަޑުކޮށްލި ހިތަދޫ އަބްދުﷲ މޫސާ ދީދީ (މޫސާ ބެއްޔާގެ ކޮއްކޯ) އަފީފަށް ދިން ޖަވާބަކީ "ތިޔަ އުޅެނީ ބޮޑު ތިލަދުންމަތީ މީހުންނަށް އަމީން ދީދީ ދިން ޒަހަރުފުޅި ބޯންދޭށޭ، މި އަތޮޅު މީހުން ތިޔަފުޅިއެއް ނުބޯނެ" އޭ އެވެ. އޭނާ އެހެން ބުނި ކަމަށް ވަނީ އިގިރޭސި ލާންޗެއްގައި އަފީފު ވަޑައިގެން ކަނޑުމަތިން ބައްދަލުކޮށް "މައިތިރިވެ ތިޔަކަން ހުއްޓައިލާށޭ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭނެ ކަމަށް ޒަކީ އެބަ ވިދާޅުވެޔޭ" ވިދާޅުމުންނެވެ.
މި ވަރުގަދަ ހާދިސާ އަށް ފަހު މާރަނގަ ބަދަލުވެގެން ދިޔައީ ސުވާދީބު ސަރުކާރުގެ މަރުކަޒަކަށެވެ. ވަކިން ހާއްސަ ގޮތެއްގައި ދިވެހި ދައުލަތާ ވަކިވެގަތުމުގެ ސައްލާތައް ކުރާ މައި އިދާރާ އަށް މާރަނގަ ހަދައިފި އެވެ. ޖެނުއަރީ 5، 1959 ވަނަ ދުވަހު ހެނދުނު 8:00 ޖެހިއިރު މާރަނގާގައި ޖަލްސާއެއް ބޭއްވި އެވެ. ރިޔާސަތު ބެލެހެއްޓެވީ ސުވާދީބު ސަރުކާރުގެ ރައީސް އަބްދުﷲ އަފީފު، އައްޑޫ ރަދުންނެވެ. އެ ޖަލްސާ ނިމުނީ ބައިގަޑިއިރު ފަހުންނެވެ.
އެ ޖަލްސާ އަށް ފަހު ގަމަށް އެއްވެ ތިބި މީހުންގެ މައްޗަށް ގަރާރެއް އިއްވެވި އެވެ. އެ ގަރާރު އިއްވެވީ އައްޑު އަތޮޅުގެ ތާރީހު އެންމެ ރަނގަޅަށް ލިޔުއްވި އެއް އިލްމުވެރިޔާ ސިއްކަގޭ އަބްދުލް މަޖީދު ސަލީމް ދޮންމަނިކުފާނެވެ. އެ ގަރާރުގައި ވަނީ "...[ދިވެހި] ސަރުކާރުގެ ދަށުގައި އޮވެވޭނެ އެއްވެސް ގޮތެއް ނެތިއްޖެ ހިނދު މިއަދު އަޅުގަނޑުމެން ދިވެހި ސަރުކާރާ ވަކިވެއްޖައީމެވެ."
ހުވަދޫ ކަނޑުގެ ދެކުނުން ހުވަދަ އާއި މުލަކާއި އައްޑޫ ހިމެނޭ ގޮތަށް އަފީފުގެ ރައީސް ކަމުގައި ސުވާދީބު ސަރުކާރު އުފެއްދުމަށް ފަހު އެ ދައުލަތުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލިސްކުރާ ގެއަކަށް ހެދީ މާރަނގަ އެވެ.
ސުވާދީބު ދައުލަތުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އެޕްރީލް 1961 ގަ އެވެ. ފުރަތަމަ އިންތިހާބުގައި މަޖިލީހަށް އިންތިހާބު ކުރާ 51 މެންބަރުން އިންތިހާބު ކުރުމަށް އައްޑު އަތޮޅުގެ ހަ ރަށުން 244 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެ މަޖިލީހުގައި ވެސް "ވަލުދޮރާށިން" ވަން މެންބަރަކު އިންނެވި އެވެ. އެއީ ރައީސް އަފީފު އައްޔަންކުރެއްވި މެންބަރެވެ.
މަޖިލީހުގެ ޖަލްސާކުރާ މާލަން އޮންނަނީ މާރަނގައިގެ މަތީ ބުރީގަ އެވެ. މުޅި މަޖިލީހުގައި ވެސް އެންމެ ވަރުގަދަ އަދި އަނގަ ގަދަ އެއް މެންބަރަކީ އިންތިހާބުގައި 187 ވޯޓު ހޯއްދަވައިގެން ވަޑައިގެންނެވި މީދޫ މެންބަރު މުހައްމަދު ނަސީމެވެ. އޭނާ ނޫނަސް މަޖިލީހުގައި ތިއްބެވީ ވަރަށް މނިވަން މެންބަރުން ކޮޅެކެވެ. ބަހުސްތަކުގައި އެއްގަލަކަށް ނޭރިގެން ކިތަންމެ ހާލަތެއް އާދެ އެވެ. ލުތުފީ ވިދާޅުވާ ގޮތުގައި މަޖިލީހުގައި މާ ވަރުގަދަ މެންބަރަކު އިންނަވަ އެވެ. އެއީ ހުޅުދޫ މެންބަރު، ރެކިދީދީ ވަހީދެވެ. އޭނާގެ ހިޔާލު އޭރު ވެސް ހުރީ މިޒަމާނާ ވަރަށް ގާތްކުރާ ގޮތަކަށެވެ. ޓެކްސްއާ ބެހޭ ގޮތުން ވަރަށް ތަނަވަސް ހިޔާލު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެދުވަސްވަރު ވެސް ޓެކުހަކީ އައްޑު އަތޮޅު މީހުންނަށް އާ އެއްޗެއް ނޫނެވެ. އެ ގޮތުން އަފީފުގެ ސަރުކާރުގައި ޓެކްސް ނަގާ ވަރު ބޮޑު ކަމަށް ބުނެ އޭނާ ސަރުކާރަށް ވަރަށް ފާޑު ވިދާޅުވެގެން ބޮނޑިއެއް ވެސް ބުޔެވެ.
އެފަހަރު މަޖިލީހުގައި ވަހީދުގެ "އަނގަ ގަދަވެގެން" ހިތަދުއަށް ގެންގޮސް ކާޑުގޭގައި އޭނާ ބަންދުކޮށް ބިރުދައްކައި ރޯނުން ދެ އަތް ބަންނަން މަސައްކަތްކޮށްފައި ވެއެވެ. އެކަން ކުރި ކަމަށް ވަނީ އަފީފު އޭނާ ދިރިއުޅުއްވާ ފިނިފެންމާގޭގައި އިންނަވައި ސީދާ އޯޑަރު ނެރުއްވައިގެން ކަމަށް ބައެއް މީހުން ބުނެ އެވެ.
އާންމުކޮށް ރައްޔިތުންގެ މަޖިލިހެއް އެއްވާ ގޮތަށް އެއް ނުވި ނަމަވެސް މަޖިލީހުގެ އިސް ކޮމެޓީތައް ނުވަތަ އެގްޒެކެޓިވް ކައުންސިލްތައް ބަރާބަރަށް ބައްދަލުވެ މަޖިލިސްކުރެ އެވެ. ބައެއް ގުނަންތަކުގެ އަވަސް ބައްދަލުވުންތައް ބައެއް ފަހަރު ހިތަދޫގައި ވެސް ބާއްވާފައި ވެއެވެ. ސުވާދީބު ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނައިން އިނގިރޭސި ސަރުކާރު އިސް އޮފިޝަލުން ތަގުރީރު ވެސް ކުރި އެވެ. އެގޮތުން އިނގިރޭސީ ސަފީރު އާތިންޓަން ޑޭވީ ވެސް ތަގުރީރު ކުރުން ފާހަގަ ކޮށްލެވެ އެވެ.