11 Aug 2014, 11:24
އަތޮޅުތެރޭގެ 48 ރަށެއްގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ 48 ރަށެއްގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް ދާއިރު، އިތުރު 10 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެ ކަމަށެވެ.
"ކުރިއަށް އެބަދޭ މިހާރު 48 ރަށެއްގެ މަސައްކަތް. އަދި މިއަހަރު ކުރިއަށް އޮތް ތާނގައި 10 ރަށެއްގެ މަސައްކަތް ފެށުމަށް މިހާރު އަޅުގަނޑުމެން ވަނީ ނިންމާފައި. އޭގެ ތެރެއިން ހަ ރަށެއްގެ މަސައްކަތް ޓެންޑާ ބޯޑަށް މިދިޔަ މަހު ތެރޭ ވަނީ ފޮނުވިފައި،" މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ހުރިހާ ރަށަކަށް ހައްލު ގެނެސްދިނުން އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ މެމްބަރަކަށް ވެސް މިނިސްޓަރާ ބައްދަލުކޮށް ނުވަތަ ފޯނުން ގުޅާ މަޝްވަރާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ބައެއް މެމްބަރުން މިނިސްޓަރުގެ ފަރާތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން މަސައްކަތް ނުކޮށް މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރާކަން ފާހަގަ ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނަށް ވެސް މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
ގިނަ ފަހަރަށް ޕްރޮޖެކްޓްތައް ލަސްވެގެން ދަނީ ހައުސިން މިނިސްޓްރީގެ ސަބަބުން ނޫން ކަމަށާއި ބޭނުންވާ ސާމާނު ރާއްޖެ ނުކުރެވިގެންނާއި އަދި ތަފާތު އެހެނިހެން މައްސަކަތަކާ ހުރެ އެކި ޕްރޮޖެކްޓުތަކުގެ މަސައްކަތް ލަސްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީން ފެށުނީންސުރެ ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައީ ވީހާވެސް އަވަހަށް ބަނދަރުތައް ނިންމަން. އާންމުކޮށް ބަނދަރެއްގެ މަސައްކަތް ބާރަ މަސް ދުވަހުގެތެރޭ ނިމޭނެ. އެކަމަކު އެއަށްވުރެ ދިގުލައިގެން ގޮސްފައި އެބަހުރި. އެއީ މިނިސްޓްރީން ކަމެއް ނުކުރެވި ހުރެގެން ނޫންކަން އަޅުގަނޑުގެ ޖަވާބުތަކުން އިއްޒަތްތެރި މެމްބަރުންނަށް ސާފުވެ ވަޑައިގަންނަވާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރު ވަނީ މެމްބަރުން އިންތިޚާބުވެފައިވާ ދާއިރާތަކުގެ ރަށްތަކުގެ ބަނދަރުގެ މަސައްކަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.