11 Aug 2014, 10:07
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ހިމެނޭ އެފްރިކާ މީހާގެ ބަންދުގެ މުއްދަތު ހަތް ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ ކުރިން ކޯޓުން އިތުރު ކުރި 15 ދުވަހުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތައިލެންޑްގެ އަންހެނަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހު އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން އުޅޭކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާގުޅިގެން މާލެއައިސް އެ ދެ މީހުން ދިރިއުޅުނު ގެސްޓުހައުސް ބަލައި ފާސްކޮށް ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ހޯދާފަ އެވެ.
ފުުލުހުން ބުނީ، އެ އޮޕަރޭޝަން ހިންގުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެހީތެރިކަން ލިބިފައިވާ ކަމަަށާއި މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.