އަންކަރާ (އޮގަސްޓް 11): ތުރުކީގެ ޖުމްހޫރިއްޔާގެ ރައީސް ކަމަށް އެގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަޖަބް ތައްޔިބު އުރުދުޣާން އިންތިހާބުވެ ވަޑައިގަތުމާއެކު އުރުދުޣާނަށް ތާއީދުކުރާ ފަރާތްތަކުން އެ ގައުމުގައި އުފާފާޅުކުރަމުން އެބެގެންދެ އެވެ.

ތުރުކީގެ އިންތިހާބުތަކާބެހޭ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އުރުދުޣާން ކާމިޔާބު ކުރައްވާފައިވާ ކަމުގަ އެވެ. މިއީ ބަރުލަމާނީ ވެރިކަމެއް އޮންނަ ތުރުކީގައި ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ. ތުރުކީގެ ދުސްތޫރު މިހާރު އޮންނަ ގޮތުން އެގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރު ހިންގުމުގެ ބާރު ނެތް ހަމައެކަނި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ޝަރަފުވެރި މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. ވެރިކަމުގެ ބާރުތައް ލިބިވަޑައިގެންފައިވާ ބޭފުޅަކީ ބޮޑުވަޒީރެވެ.

ތުރުކީގައި 2002 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން ގެންދަނީ ތަޖަބް ތައްޔިބު އުރުދުޣާންގެ އިސްލާމީ ފިކުރުގެ ޕާޓީ ކަމަށްވާ "ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" ންނެވެ. އުރުދުޣާން ތުރުކީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ބޮޑުވަޒީރުކަމުގެ މަގާމަށް ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީން ކަނޑައަޅާނީ ކޮންބޭފުޅެއް ކަން އަދި ސާފުވެފައެއްނުވެ އެވެ.

ތުރުކީގެ ޕާލަމެންޓްގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައިވަނީ "ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" އަށް ކަމަށްވާތީ އެޕާޓީން ބޭނުން ކޮންމެ ބޭފުޅަކު ބޮޑުވަޒީރަކަށް ހަމަޖެއްސިދާނެ އެވެ. ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އުރުދުޣާން ކާމިޔާބު ކުރައްވާފައިވަނީ 53.2 އިންސައްތައިގެ އަގުލަބިއްޔަތަކުންނެވެ. އޭނާއާ އެކު ރިޔާސީ ރޭހުގައި ވާދަކުރެއްވި އަނެއް ދެކެންޑިޑޭޓުންނަކީ އަކްމަލުއްދީން އިހުސާން އޮގްލޯ އާއި ސަލާހުއްދީން ދިމެރްތާސް އެވެ. މީގެތެރެއިން އަކްމަލުއްދީން އިހުސާން އޮގްލޯ އަކީ ތުރުކީގެ ސެކިއުލާ ޕާޓީތަކުގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 38 އިންސައްތަ ވޯޓެވެ.

ސަލާހުއްދީން ދިމެރްތާސްއަކީ ތުރުކީގެ ބައިމަދު ދަރިކޮޅެއް ކަމަށްވާ ކުރުދީ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޒުވާން ބޭފުޅެކެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 9 އިންސައްތަ ވޯޓެވެ. އުރުދުޣާން ވަނީ ތުރުކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ އެގައުމުގައި މިހާރު އޮންނަ ބަރުލަމާނީ ނިޒާމު، ރިޔާސީ ނިޒާމަކަށް ބަދަލުކުރައްވައި ވެރިކަން ހިންގުމުގެ ބާރުތައް ބޮޑުވަޒީރުގެ ބަދަލުގައި ރައީސަށް ލިބޭގޮތަށް ތުރުކީގެ ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ތުރުކީގެ ޕާލަމެންޓްގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަނީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ކަމަށްވާތީ މިއީ އޭނާއަށް ކުރެއްވިދާނެ ކަމެކެވެ.

ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލުގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ އާންމު އިންތިހާބު ކާމިޔާބު ކުރެވި ޕާލަމެންޓްގެ އަގުލަބިއްޔަތު، ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ލިބުމުން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިންތިހާބުގެ ކުރިން މިއޮތް ދުވަސްތަކުގައި ވެސް ބޮޑުވަޒީރުގެ ބާރުތައް ކުޑަކޮށް ރައީސަށް ލިބޭ ބާރުތައް އިތުރުކުރުމަށް އުރުދުޣާންގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީން ތުރުކީގެ ގާނޫނު އަސާސީއަށް ވަގުތީ ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފަ އެވެ.

ތުރުކީގެ "އެންމެބާރުގަދަ މީހާ" ގޮތުގައި ސިފަކުރެވޭ އުރުދުޣާނުގެ ވެރިކަމުގައި އެގައުމަށް ވަނީ ޒަމާނީ ތަރައްގީ ވަރަށް ބޮޑަށް ގެނަސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އިގްތިސާދީ ބާރަކަށް ތުރުކީ ހައްދަވާފަ އެވެ. ނަމަވެސް އުރުދުޣާންގެ ވާދަވެރި ލާދީނީ ޕާޓީތަކުންވަނީ ތުރުކީގެ ބާނީ މުސްތަފާ ކަމާލް އަތާތުރްކު އެގައުމަށް ގެންނެވި ދީނާއި ދައުލަތް ވަކިކުރުމުގެ ސެކިއުލާ ނިޒާމު ނައްތާލައި އޭގެ ބަދަލުގައި އިސްލާމް ދީނުގައިވާ ފަދަ ދީނާއި ދައުލަތް އެއްކުރުމުގެ އިސްލާމީ ނިޒާމެއް ތުރުކީގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އުރުދުޣާންގެ މައްޗަށް ކޮށްފަ އެވެ. ނަމަވެސް ތުރުކީގެ ސެކިއުލާ ފިކުރުގެ ލީޑަރުން ވަނީ އުރުދުޣާން އާ ސިޔާސީ ގޮތުން ފައިހަމަ ކުރުމުގައި މުޅިން ނާކާމިޔާބުވެފަ
އެވެ.

ތުރުކީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އުރުދުޣާނަކީ ރަޝިޔާގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ވްލަޑިމޭރު ޕޫޓިން ފަދަ ބޭފުޅެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. އުރުދުޣާން ސިޔާސީ ގޮތުން ބަލިކޮށްލުމަށް އޭނާގެ ވާދަވެރިން ހާއްސަކޮށް އަތާތުރުކުގެ ސެކިއުލާ ވިސްނުމުގެ ލީޑަރުން ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. މީގެއިތުރުން އުރުދުޣާން ވަނީ އަތާތުރުކުގެ ޒަމާނުން ފެށިގެން ތުރުކީގައި އޮތް އެގައުމުގެ ސިފައިން ސިޔާސީ ކަންކަމަށް ބާރާއި ނުފޫޒު ހިންގުމުގެ ބޯދާ ނިޒާމް ވެސް ނައްތާލައްވައި ތުރުކީގެ ޖެނެރަލުން ހަމަބިމަށް ތިރިކޮށްފަ އެވެ. މިގޮތުން ކުރިން އިންގިލާބުތައް ގެނަސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެއުޅުއްވި ޖެނެރަލުންތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު އެ އެންމެންވަނީ ދިގުމުއްދަތަކަށް ޖަލަށްލާފަ އެވެ. އަދި ތުރުކީ ސިޔާސީ ލީޑަރުން ބިރުގަންނަ އެގައުމުގެ ސިފައިންގެ މުއައްސަސާ ވެސް ވަނީ އުރުދުޣާންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނަވާފަ އެވެ.

މިހުރިހާ ކަމެއް އުރުދުޣާން ސިފައިންނާ ދެކޮޅަށް ކުރިއިރު ވެސް އޭނާއާ ދެކޮޅަށް އަޑުއުފުލާލަން ވެސް ތުރުކީގެ ޖެނެރަލުންތަކަށް ކެރިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)