އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ޖަރީމާ ތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ނިކަމެތި އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ ޓެލެތޯން"ގައި ބެހެއްޓި ފަންޑު ފޮށިތަކަށް ޖަމާކުރި ވަކިލާރީގެ އަދަދުވެސް ދެ ލައްކައަށް ރުފިޔާއަށް ވުރެ މައްޗަށް ގޮސްފި އެވެ.

ރާއްޖޭގެ މީޑިއާތައް އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ ތަރުޖަމާނު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، ގާޒާ ފަންޑަށް ލިބުނު ފައިސާގެ ތެރޭގައި ހިމެނޭ ވަކިލާރި މިހާތަނަށް ގުނާފައި ވާ އަދަދު 211,234.34 ރުފިޔާއަށް އަރާފައި ވާ ކަމަށެވެ.

ޓެލެތޯންގައި ބޭންކު އޮފް މޯލްޑިވްސްގެ ފަރާތުން ހަރަކާތްތެރިވާ ކޯޑިނޭޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މިހާތަނަށް ނުގުނޭ ފޮށިތައް ހުރުމުން ވަކިލާރީގެ އަދަދު އަދިވެސް ބޮޑުތަން އިތުރު ވެގެން ދާނެ ކަމަށެވެ.

"ފޮށިތަކުގައި ކޭޝްއަށް ވުރެ ވަކިލާރި ގިނައި އެބަހުރި. އަދިވެސް ނުގުނިހުރި ވަކިލާރި ފޮށިތައް އެބަހުރި،" ސައީދު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު، 6.3 މިލިއަން ރުފިޔާއާ އެކު ފެށި ގާޒާ ފަންޑުގެ ޖުމްލަ އަދަދު 21،520،719.66 ރުފިޔާއަށް އަރާފައި ވާއިރު، ސައީދު ވިދާޅުވީ ފަންޑުގެ ޖުމްލަ އަދަދު 22 މިލިއަނަށް ވުރެ މަތިވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން [ބީއެމްއެލް]ގައި ހުޅުވާފައިވާ ފަންޑު އެކައުންޓަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ފައިސާ ޖަމާކުރަމުން އެހެން ވީމާ، ފަންޑު ބަންދުކުރާ އިރު ޖުމްލަ ފައިސާގެ އަދަދު 22 މިލިއަނަށް ވުރެ އިތުރު ވާނޭ ކަމަށް ބެލެވެނީ،" ސައީދު ވިދާޅުވި އެވެ.

އިސްރާއީލުން ދެމުން ގެންދާ ރަހުންކުޑަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމު ލޮބުވެތި އަހުންނާއި އުހުތުންނާއި ޔަތީމުވެފައިވާ ކުޑަ ކުދީންނަށް އެހީގެ އަތެއް ފޯރުކޮށްލުމުގެ ގޮތުން މުޅި ރާއްޖޭގައި، ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު 3:00އަށް ކުރިއަށް ގެންދިޔަ ޓެލެތޯނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުގައި ބެހެއްޓި ފަންޑު ފޮށިތަކަށް، ހުރިހާ އުމުރެއްގެ ދިވެހި ރައްޔިތުން ވެސް ދީލަތިކަމާއި ލޯތްބާއެކު ފައިސާ ހަދިޔާ ކުރަމުން ދިޔަ އިރު، ދިވެހި ޅަދަރީން އެކުދީން އެތަކެއް އަހަރު ވަންދެއް އެއްކޮށްފައި ވާ ވަލިލާރި ފޮށިތައް ހުރިގޮތަށް ފަންޑަށް ހަދިޔާ ކުރަމުން ދިޔަ މަންޒަރު ފެނިގެން ގޮސްފައި ވެއެވެ.