11 Aug 2014, 00:59
ނެސްލޭ ކަލާސް އެވޯޑްގެ މިދިޔަ އަހަރު ކުޅިވަރު ރޮނގުން އެންމެ މޮޅު ދަރިވަރަކަށް ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީ ހޮވިއްޖެ އެވެ.
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވި ސްކޫލްތަކުގެ ކަލާސް އެވޯޑްގެ ރަން ވަނަ ހޯދި ޝަހުދާނަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ނެސްލޯ މައިލޯ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ޝަހުދާން ވަނީީ މިދިޔަ އަހަރު އެތުލެޓިކްސްއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ޝަހުދާން ހޯދި ކާމިޔާބީތަކަށް ބަލައިލާ އިރު، ހަތްވަނަ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމާއި، އެ މުބާރާތުގެ 100 މީޓަރު ދުރުވުމުން އެއްވަނަ އާއި، 18 ވަނަ އެޓޯލް އިންޓާ ސްކޫލް އެތުލެޓިކް މީޓްގެ އެންމެ މޮޅު އެތުލީޓުގެ މަގާމާއި، އެ މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ އާއި އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ އެއްވަނަ ހޯދާފައި ވެއެވެ.
އޭގެ އިތުރުން ޝަހުދާން ވަނީ މިދިޔަ އަހަރު އޭނާ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތްތަކުން ވެސް ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ އޭޝިއަން ޔޫތު ގޭމްސްގެ 100 މީޓަރު ދުވުމުގެ ހީޓު ދޭއްގެ ފަސްވަނަ އާއި، އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ ހީޓް ތިނެއްގެ ތިންވަނަ އާއި، އެ މުބާރާތުގެ ސެމީ ފައިނަލަށް ކޮލިފައިވުމާއި، އެ މުބާރާތުގެ ސެމީ ފައިނަލުގެ ހަވަނަ އަދި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ހީޓް ދޭއްގެ ފަސްވަނަ ހޯދައިފަ އެވެ.
މިދިޔަ އަހަރު ކުޅިވަރު ރޮނގުން އެންމެ މޮޅު ދަރިވަރުގެ މަގާމުގެ އިތުރުން އެތުލެޓިކްސްއިން 18 އަހަރުން ދަށުގެ އެއްވަނަ އަދި އެތުލެޓިކްސްގެ ސްޕެޝަލް އެވޯޑް ވެސް ލިބުނީ އޭނާއަށެވެ.
މި އަހަރު ވެސް ބައިނަލްއަގުވާމީ މުބާރާތެއްގައި ޝަހުދާން ވާދަކުރާނެ އެވެ. މި މަހު ނަންޖިންގައި ބާއްވާ އެތުލެޓިކްސް އިވެންޓްގައި ރާއްޖެއިން ވާދަކުރާ އެތުލީޓަކީ ޝަހުދާނެވެ.
މިރޭގެ ރަސްމިއްޔާތުގައި ހަތަރު އުމުރުފުރާއަކުން އެއްވަނަ އަދި ދެވަނައަށް ހޮވުނު ކުދިންނަށް އިނާމު ހަވާލުކުރި އިރު، ހާއްސަ އެވޯޑް ނުވަތަ ސްޕެޝަލް އެވޯޑް ކެޓަގަރީއަށް ހޮވުނު ކުދިންނަށް ވެސް ވަނީ އިނާމު ދީފަ އެވެ. އެ އުމުރުފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.
ކަލާސް އެވޯޑްގެ އިނާމުތައް ދިނީ މިދިޔަ އަހަރު ދިހަ ކުޅިވަރަކުން ވަނަތައް ހާސިލުކުރި ކުދިންނަށެވެ. އެ ދިހަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ އެތުލެޓިކްސް، ސްވިމިންގް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފުޓްބޯޅަ، ކްރިކެޓް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި ޓެނިހެވެ.
މި އެވޯޑު ހައްގުވާ ފަރާތްތައް ނިންމާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ހާއްސަ ޓެކްނިކަލް ކޮމިޓީންނެވެ. އެ ކޮމިޓީގައި ހިމެނެނީ ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅުންނެވެ. އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ އަހްމަދު މަރްޒޫގާއި، މުހައްމަދު ރިޔާޒާއި، މުހައްމަދު ތޮލާލާއި، އަހްމަދު ހާފިޒް އަދި އަލީ ސުޒޭނެވެ.