ފަލަސްތީނުގައި ތަޢުލީމް އުނގެނުމުން މަހްރޫމްވެފައިވާ ކުޑަކުދިން ތަހައްމަލް ކުރަމުންދާ ކަންތައް ދިވެހި ކިޔަވާ ކުދިން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަަމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކުގައި ކުޅިވަރު ކުޅޭ ކުދީންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަޢާރަފްކުރި "ނެސްލޭ ސްކޫލް ކަލާޒް އެވޯޑް" ދިނުމުގެ ރަސްމީއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަލަސްތީނުގެ ކުޑަކުދިންނަށް އިސްރާއީލުން ކުރަމުންދާ އަނިޔާތަކަކީ ދިވެހި ކިޔަވާ ކޮންމެ ކުއްޖެއްގެ ލޮލުން ކަރުނަ ފާއްދާލާނެ ކަމެއް ކަަމަށެވެ. އަދި އެކަންތައްތައް ދިވެހި ކިޔަވާ ކޮންމެ ކުއްޖަކުވެސް އަބަދުމެ ހަދާން ބަހައްޓަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފަލަސްތީނުގައި އެ ހިނގާ ހާދިސާތަކަކީ ދިވެހި ކިޔަވާ ކޮންމެ ކުއްޖެއްގެ ލޮލުން ކަރުނައިގެ ތިކިތައް ފާއްދާލާނެ ކަންތައްތައް. ހަނދާން ނެތިއްޔާ އަބަދުވެސް ހަނދާކުރޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތަކަކީ "ދުނިޔޭގެ ރަހުމް ކުޑަ އަގަލުކުޑަ ސަރުކާރަކުން" ހިންގަމުންދާ ކަންތައްތަކެއް ކަމަށެވެ. އަދި ފަލަސްތީނުގެ ކުޑަކުދިންނަށް ތަޢުލީމް ހާސިމް ކުރުމުގެ ފުރުސަތު ނުލިބި ވަނީ އިސްރާއީލްގެ "އަގަލު ކުޑަ ރަހުމް ކުޑަ" އަނިޔާ ތަކުގައި އެ ކުދީންގެ ގެދޮރު ނެތިގެންދާތީ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ކަމުން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަން ޖެހޭނީ ނުވަތަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަން ޖެހޭނީ ވަކި އުމުރަކަށް ދިއުމުން ނޫން ކަަމަށާއި އަބަދުވެސް އެ ވާހަކަތައް ދައްކައި މަސައްކަތް ކުރަން ޖެހޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފަލަސްތީނު ފަދަ ގައުމުތަކުގައި އެއްވެސް އަމާން ކަމެއް ނެތި ތަޢުލީމުން މަހުރޫމްވެގެން ކުޑަކުދީންތަކެއް އުޅެމުންދާއިރު، އަމާން ކަމާއި އާއިލާތަކުގެ ލޯބި ލިބިގެން ކިޔެވުމުގެ ފުރުސަތު ދިވެހި ކިޔަވާ ކުދީންނަށް ލިބިގެން ދިއުމަކީ ވަރަށް ބޮޑު ނަސީބެއް ކަަމަށެވެ. އެހެން ކަމުން ކިޔަވާ ކުދީން އެ ކުދީންގެ މައިންބަފައިން ކައިރިން އެދެން ޖެހޭނީ އަބަދުވެސް މި ދިވެހި ގައުމު އަމާން ކަމާއެކު ބޭއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ކޮންމެވެސް ހިސާބަކުން އިސްރާއީލާ އެކު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފައިވާކަން އެއީ ހަގީގަތެއް ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަން ކުރިބަޔަކު އެކަން ކޮށްފައި ވަނީ އިސްރާއީލްގެ ފިލާވަޅުތައް ދިވެހި ސިލަބަހުގެ ތެރެއަށް ގެނައުމުގެ މަގުސަދުގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ އެއްވެސް ބަޔަކަށް އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށާއި ބަޔަކު އެގޮތަށް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކޮންމެ ވެސް ހިސާބެއްގައި ދިވެހި ދައުލަތުން އެއޮތީ އެގްރިމެންޓް ތަކެއް ވެސް ސޮއިކޮށްފައި. އަދި އެ އެގްރިމެންޓް ތަކުން ކުރަން އުޅުނު ކަމަކީ އަހަރެމެންގެ ތަޢުލީމީ މަންހަޖުގެ ތެރެއަށް އަހަރެމެންގެ ތަޢުލީމީ މުގައްރަރުގެ ތެރޭގައި މި ދެންނެވި ދައުލަތުގެ ބައެއް ކަހަލަ ފިލާވަޅުތައް ހިމެނުން. މިއީ ހަގީގަތް،" ރައީސް ޔާމީން ވިދާޅުވި އެވެ.