ހެލްތު މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ދިނުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް ވިދާޅުވީ އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ ޑރ. ޝަކީލާ އަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލް ބޭފުޅެއް ކަމުގައި ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ނަގާ ވޯޓުގައި ތްރީލައިން ވިޕާ ޚިލާފުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އެ މެމްބަރަކާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.

ޑރ. ޝަކީލާއަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ޖޭއެސްސީގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން މެމްބަރަކު ހޮވުމަށް ނަގާ ވޯޓުގައި އެ ޕާޓީން އަމަލުކުރާނެ ގޮތް ވެސް މިރޭ ވަނީ ނިންމާފަ އެވެ. އެގޮތުން އެ ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދިނުމަށް ފާސްކޮށްފައިވާ ކަމަށް މޫސާ ނިޒާރު ވިދާޅުވި އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހްމަދުގެ ނަންފުޅެވެ.

އޭނާ ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެމްބަރުން އައްޔަން ކުރުމަށާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. މުހައްމަދު ފައިސަލް އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ފްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.