އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ އަތުން 3-0 ލަނޑުން މޮޅުވެ އާސެނަލް 10 އަހަރަށް ފަހު، އެ ޝީލްޑް އުފުލާލައިފި އެވެ.

ކޯޗު އާސެން ވެންގާގެ ޓީމުގެ މި ކާމިޔާބަކީ، 2004 ވަނަ އަހަރުގެ ފަހުން އެޓީމަށް ކޮމިއުނިޓީ ޝީލްޑްގައި ބީހިލުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ކާމިޔާބަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނަ އިރު އާ ސީޒަންގެ ކާމިޔާބީއަށް އެޓީމަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެކެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަނަށް ލީޑު ނަގައި ދިނީ މެޗުގެ 21 ވަނަ މިނިޓްގައި ސްޕެއިން މިޑްފީލްޑަރު ސަންޓި ކަޒޯލާ އެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ވާތު ފައިން ޖަހައި ކަޒޯލާ ފޮނުވާލި ހަމަލާ އަމާޒުވީ ސިޓީގެ ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށެވެ.

އާސެނަލްއަށް މި ސީޒަނަށް އަލަށް ގުޅުނު ތިން ކުޅުންތެރިން ކަމަށްވާ، ފޯވާޑް އެލެކްސިސް ސަންޗޭޒާއި ރައިޓް-ބެކް މެތިއު ޑިބޫޗީއާއި ޑިފެންޑަރު ކޭލަމް ޗެމްބާސް ފުރަތަމަ 11ގައި ހިމަނައިގެން ފެށި މި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ދިޔައީ، މީގެ އެތަކެއް އަހަރެއް ކުރިން އާސެނަލް ޓީމުން ފެނިގެން ދިޔަ ރީތި ޕާސިން ގޭމެވެ.

ވެންގާގެ ޓީމުގައި ހިމެނޭ ޖަރުމަނުގެ ތިން ތަރިން ކަމަށްވާ ޕާ މާޓަސޭކާއާއި މެސުޓް އޮޒިލްގެ އިތުރުން ލޫކަސް ޕޮޑޮލްސްކީ ވެސް ނެތި ކުޅުނު މެޗުގައި އެޓީމުން ވަނީ، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަންގެ މައްޗަށް ރީތި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން މެޗުގެ 41 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައި ދިނީ، ދިގު ފޯވާޑް ޔާޔާ ސަނޯގޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ އެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަމްސީ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލްގެ ވާތްފަރާތު ތިރީ ކަނަށެވެ.

ޓީމުގެ މުހިންމު އަށް ކުޅުންތެރިން ނެތި، މެނުއަލް ޕެލެގްރިނީގެ ޓީމު އާސެނަލްއާ ވާދަކޮށް ލިބުނު ބޮޑު ބައްޔާއެކު، އާދީއްތަ ދުވަހު ނިއު ކާސަލްއާ ދެކޮޅަށް ލީގުގެ ފުރަތަމަ މެޗަށް ސިޓީ ނުކުންނައިރު މިއީ ލީގު ދިފާއުކުމުގައި އެޓީމަށް ހުރަސްތަކެއް ކުރިމަތީވާނޭ ކަމުގެ އިންޒާރެއް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

ސިޓީއަށް ކުޅޭ ފްރާންސް މިޑްފީލްޑަރު އަދި އާސެނަލްގެ ކުރީގެ ތަރި ސާމިރު ނަސްރީއަށް މެޗު ފެށުނީސްސުރެން އާސެނަލްގެ ސަޕޯޓަރުން ދިޔައީ، ފުރައްސާރަ ކުރުމުގެ ގޮތުން "ބޫ" އަޑު ލައްވަމުންނެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޕެލެގްރިނީ ވަނީ ނަސްރީގެ ބަދަލުގައި ޑޭވިޑް ސިލްވާ ކުޅެން އަރުވައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފުގައި އެޓީމުނެ ވަނީ، އާސެނަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެހެން ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ޖޯޝާއެކު ކުޅެމުން ދިޔަ އާސެނަލްގެ ޒުވާން ކުޅުންތެރިންގެ ޓީމުން ތިން ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އިތުރަށް ފުޅާކުރުމެވެ. މެޗުގެ 60 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ ރަމްސީ ތަނަވަސް ކޮށްދިން ފުރުސަތަކުން އޮލިވާ ޖިރޫ އެވެ.

މުޅި މެޗުގައި ސިޓީގެ ކުޅުންތެރިން އާސެނަލް ގޯލަށް 11 ހަމަލާ ފޮނުވާލި ނަމަވެސް އެޓީމަށް ގޯލަށް އަމާޒުކޮށްލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. އަދި އާސެނަލްއިން ސިޓީގެ ގޯލަށް ޖުމްލަ އަށް ހަމަލާ ފޮނުވާލާފައި ވާއިރު، އޭގެ ތެރެއިން ހަތަރު ފަހަރު ގޯލަށް ބޯޅަ އަމާޒުކޮށް ތިން ފަހަރު ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މިދިޔަ ސީޒަންގައި ސިޓީ ވަނީ، 6-3 ލަނޑުން އާސެނަލް ބަލިކޮށްފަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ސިޓީގެ ފަރާތުން މިދިޔަ ސީޒަންގައި އެޓީމު ދައްކާފައިވާ މޮޅު ކުޅުން ތަކުރާރު ކުރެވިފައެއް ނުވެއެވެ.