10 Aug 2014, 22:38
ހެންވޭރު އަޑިޕާކުގައި ހުއްޓައި ނ. މިލަދޫ ދިއްގާމާގޭ އުމުރުން 20 އަހަރުގެ އަހްމަދު މާޒިން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުއްޓަށް ފައިބަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ބޯޓެއްގައި ވިލުފުއްޓަށް ފައިބަން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހެއް ކަމަށެވެ.
އޭނާގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ތިން ފިރިހެނުން ކަމަށާއި އެ އެންމެންނަކީ ވެސް މާރާމާރީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ޝަތީހު ވިދާޅުވި އެވެ.
ޝަތީހު ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް މިހާތަނަށް އެކަށީގެންވާ ހެކި ލިބިފައި ވާ ކަމަށާއި އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައިގައި ވެސް އަޅުގަނޑުމެންނަށް މި ހައްޔަރު ކުރެވުނު ހަތަރު މީހުންގެ މައްޗަށް މިހާތަނަށް އެކަށީގެންވާ ހެކި ލިބިފައިވޭ. އަދި އިތުރު ހެކި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އަދި މި މައްސަލައިގައި ލިބިފައިވާ ބައެއް ހެކިތައް ތަހުލީލު ކުރުމަށް ފޮރެންސިކް ޑިޕާޓްމަންޓަށް ފޮނުވިފައިވާ ވާހަކަ ވެސް ދަންނަވަން،" ޝަތީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގެ ބާވަތުން މައްސަލަ އިތުރަށް ކުރިއަށްގެންދިޔުމަށްޓަކައި އެކަމުގެ މައުލޫމާތު އެނގިލައްވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"މި މައްސަލައިގެ ބާވަތުން މައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި މައްސަލައިގެ މައުލޫމާތު ހުރި ބޭކަލުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަން ފާހަގަ ކުރަން. މި މައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ނުވަތަ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް،" ޝަތީހު ވިދާޅުވި އެވެ.
އެ މައްސަލައިގައި ނިޔާވި މާޒިން އަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށްފަހު ޗުއްޓީއަށް މާލެއައިސް އުޅުނު މީހެއް ކަމަށާއި އޭނައަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި މާޒިން އަކީ އެއްވެސް ގޭންގު ގްރޫޕަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ވަޅިހަރާފައި ވާރު، އެވަގުތު އަޑިޕާކުގައި ހުރި އޭނަގެ ތިމާގެ މީހެއްގެ އަރިކަށްޓަށް ވެސް ވަޅިން ހަމަލާދީފައި ވެއެވެ. އެ ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޝަތީހު ވިދާޅުވި އެވެ.