10 Aug 2014, 22:20
އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް އެ މަހުގެ 25 ވަނަ ދުވަހަށް ފަސް ކޮށްފައި ވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ސަން އަށް މިއަދު ވިދާޅުވީ، އެ އިދާރާގެ ކޮންގްރެސް ފަސްކުރަން އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީން ނިންމީ، އެ ކޮމިޓީއަށް ހުށަހަޅާފައިވާ ބައެއް ކަންތައްތައް ދިރާސާ ކުރުމަށް ކޮމިޓީއަށް އިތުރަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ އެކްސްކޯއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، އެފްއޭއެމްގެ ބައެއް މެންބަރުން މި އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށް. އެހެންވެ ކޮމިޓީން ނިންމީ ކޮންގްރެސް އަންނަ މަހުގެ 25 އަށް ފަސްކުރަން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ކޮންގްރެސް ފަސްކޮށްފައި މިވަނީ، އެ އިދާރާގެ ރައީސް އިލްހާމް އަހްމަދާއި ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ)ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކްލަބް އީގަލްސްއިން، އެފްއޭއެމްގެ މެމްބަރު 18 ކްލަބެއްގެ ސޮޔާ އެކު ކޮންގްރެސް އަށް އެޖެންޑާކުރުމަށް ހުށަހަޅައިފައި ވަނިކޮށެވެ. އެފްއޭއެމްއިން މިއަދު ވަނީ، އީގަލްސްގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު، ރާއްޖޭގެ ފުޓްބޯޅަ ހަލާކު ކުރަން މަސައްކަތްކުރާ ކަމަށާއި އަދި އެފްއޭއެމް ބަދުނާމު ކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ބަޔާނެއް ވެއް ނެރެފަ އެވެ.
ޖަވާ ވިދާޅުވީ، އީގަލްސްގެ ފަރާތުން ކޮންގްރެސްއަށް އެޖެންޑާކުރުމަށް ހުށަހަޅާފައި ވާ މައްސަލައާ ކޮންގްރެސް ފަސްކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އީގަލްސް އިން ހުށަހަޅާފައިވާ މައްސަލައާ މިކަމާ [ކޮންގްރެސް ފަސްކުރުމާ] އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑުމެން ކޮންގްރެސް ފަސްކުރީ ކޮންގްރެސްއަށް ހުށަހަޅާފައި ހުރި ބައެއް ކަންތައްތައް އިތުރަށް ބެލުމަށް އެކްސްކޯގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ވެސް ވަގުތު ބޭނުންވާ ކަމަށް ބުނެފައި ވާތީ،" ޖަވާ އިތުރަށް ވިދާޅުވި އެވެ.