10 Aug 2014, 17:31
ޗައިނާގެ ނަންޖިންގައި މި މަހު ފަށާ ޔޫތު އޮލިމްޕިކް ގޭމްސްގެ އެތުލެޓިކްސް އިވެންޓްގައި ރާއްޖެއިން ވާދަކުރާނީ ހުސައިން ޝަހުދާން ފަހުމީ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނާ ގޮތުގައި، މި މުބާރާތުގައި ޝަހުދާން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގައެވެ.
ބައިނަލްއަގުވާމީ މުބާރާތެއްގައި ޝަހުދާން ފުރަތަމަ ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރު ނަންޖިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައެވެ. އެ ފަހަރު ޝަހުދާން 100 މީޓަރުގެ ދުވުން ނިންމާފައި ވަނީ 11.69 ސިކުންތުންނެވެ. އޭގެ ފަހުން މި އަހަރު ބެންކޮކްގައި ބޭއްވި ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ޝަހުދާންއަށް 100 މީޓަރު ދުވުން ނިންމުނީ 11.38 ސިކުންތުންނެވެ.
ޝަހުދާންގެ ކޯޗެއްގެ ގޮތުގައި މުބާރާތަށް ދާނީ އެތުލެޓީކްސް އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަހްމަދު އަޒީލް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވާ ކޮންޓިންޖެންޓް މި މަހުގެ 13 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިފައިވާ އިރު، އެނބުރި އައުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.
ޗައިނާގެ ނަންޖިންގައި ބާއްވާ ޔޫތު އޮލިމްޕިކް ގޭމްސް ކުރިއަށް ދާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.