10 Aug 2014, 17:35
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ކ. ތުލުސްދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ "ބަދަލު ހިފުމުގެ ގޮތުން" ކަމަށް ގާތިލު އިއުތިރާފު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ އާއި ތުލުސްދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު މަރާލި މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް، މަރާލި ކަމަށް ތުހުމަތު ކުރެވޭ އެ ރެޑްރޯސް މުހައްމަދު ނިޔާޒުގެ މައްޗަށް ޝިހާމް ވައްކަމުގެ ތުހުމަތެއް ކޮށްފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި ނިޔާޒު އޭނާ މަރާލީ އެކަމުގެ ހިތްހަމަ ނުޖެހުމުގައި ކަން އްބަސްވެފައިވާ ކަމަށެވެ.
"މީގެ ސަބަބެއް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ވަނީ އަލީ ޝިހާމްގެ ބެލުމުގެ ދަށުން ތުލުސްދޫގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން މި މައްސަލައިގަ ތުހުމަތު ކުރެވުނު މުހައްމަދު ނިޔާޒް ވައްކަން ކޮށްފައިވާ ކަމަށް ބުނެ ވައްކަމުގެ އިލްޒާމްތަކެއް މުހައްމަދު ނިޔާޒްގެ މައްޗަށް ކުރުމާ ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުމުގައި މުހައްމަދު ނިޔާޒް މި އަމަލު ހިންގާފައި ވަނީ ބަދަލުހިފުމުގެ ބޭނުމުގައިކަން. އަދި މިކަމަށް ތަހުގީގަށް މުހައްމަދު ނިޔާޒް ވަނީ އިއުތިރާފް ވެފައި،" ޝަތީހު ވިދާޅުވި އެވެ.
އަލީ ޝިހާމް އަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށާއި ތަހުގީގު މިހާރު ނިމި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ޝަތީހު ވިދާޅުވި އެވެ.
މެޔަށް ވަޅި ޖަހައި ޝިހާމް މަރާލާފައި ވަނީ މިދިޔަ މަހުގެ 31 ދުވަހު ރޯދަ ވީއްލައިގެން، ސިނގިރެޓެއް ބޯލަން އޭނާގެ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވަ އެވެ.