ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ބެހޭގޮތުން މީޑިއާގައި އީގަލްސްގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުތައް ދޮގުކޮށް، އެފްއޭއެމްއިން އެކަން ކުށްވެރިކޮށްފި އެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަނުން ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް ބަދުނާމް ކުރުމަށްޓަކައި އީގަލްސްގެ ޗެއާމަން ހިޔަލީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ދައްކަވަމުންދާ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކަފުޅުތައް ހަރުކަށި އިބާރާތުން އެ އިދާރައިން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ވާހަކަތައް ހިޔަލީ ދައްކަވާފައި ވަނީ އެފްއޭއެމްގެ ނައިބް ރައީސް އަކަށް ހުންނެވި އިރު އޭނާ ކޮށްފައިވާ ކަންތައްތަކާ ބެހޭ މައްސަލަތަކެއް އެ އެސޯސިއޭޝަނުން ބަލަމުންދާތީ އެކަމުގެ މައުލޫމާތު ލިބިގެން އެކަމަށް ނުފޫޒް ފޯރުވުމުގެ ގޮތުން ކަމުގައި ބެލެވޭ ކަމަށް ވެސް އެފްއޭއެމްއިން ބުންޏެވެ.

"...މުހައްމަދު ރަޝީދާ ބެހޭ ގިނަ ޝަކުވާތަކެއް ކްލަބްތަކުން މި އިދާރާއަށް ވަނީ ހުށަހަޅައިފަ އެވެ. ފުޓްބޯޅައިގެ އަގު ވައްޓާލައި މި އިދާރާ ބަދުނާމް ވާ ގޮތަށް ދައްކަމުންދާ ވާހަކަތައް ވަގުތުން ހުއްޓާލުމަށް މުހައްމަދު ރަޝީދަށް ގޮވާލަމެވެ. އަދި މިފަދަ ކަންތައްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެފްއޭއެމް ސާބިތުކަމާ އެކު ދެމި އޮންނާނެ އެވެ. އަދި މި ފަދަ ފިޔަވަޅުތައް އެޅުމަށް އެފްއޭއެމުން ފަހަތަކަށް ނުޖެހޭނެއެވެ.،" އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެފްއޭއެމްއިން ބުނީ، އެ އެސޯސިއޭޝަނުގެ ރައީސް އިލްހާމް އަހުމަދުގެ ކެމްޕޭނަށް ވެސް އަދި އެހެން އެއްވެސް އަމިއްލަ ބޭނުމަކަށް ވިޔަސް އެފްއޭއެމްގެ މުވައްޒަފެއް، ވަސީލަތެއް އަދި އިމާރާތެއް ވެސް ބޭނުން ކުރައްވާފައި ނުވާނެ ކަމަށާއި އިލްހާމް ކެމްޕޭން ކުރައްވާފައި ވަނީ އަމިއްލަ ހައިސިއްޔަތުން އެންމެންނަށް ފެންނާނެ ގޮތަށް މާލޭގައި އަމިއްލަ ކެމްޕޭން އޮފީހެއް ހުޅުވައިގެން ކަމަށެވެ. އަދި ހާމައަށް ފެންނަން ހުރި އެފަދަ ކަންތައްތަކުގައި ދޮގު ހަދާ އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުން ތިމާ ދައްކާ ވާހަކައާ ދޭތެރޭ ސުވާލު އުފެދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

"...ރާއްޖޭގެ ފުޓްބޯޅަ ހަލާކުކޮށްލުމަށް މުހައްމަދު ރަޝީދު ވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ބޭއްވި އެއްމެ ބޮޑު މުބާރަތް އޭއެފްސީ ޗެލްންޖް ކަޕް ބޭއްވިޔަ ނުދިނުމަށް އެކި ގޮތްގޮތުން މުހައްމަދު ރަޝީދު ވަނީ މަސައްކަތް ކޮށްފަ އެވެ. މި މަސައްކަތް ކާމިޔާބު ނުވެ، އައްޑޫ ސިޓީގައި އަމާންކަމާއި އޮމާންކަމާއި އެއްކޮށް މުބާރާތް ހިނގަމުން ދަނިކޮށް މަސްލަހަތު ގެއްލުވާލައި އައްޑޫ ސިޓީގެ މެޗްތައް ހުއްޓުވުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އިންތިޚާބެއްގެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހުމުން ނުވަތަ އިންތިޚާބަކުން ބަލިވުމުން ރާއްޖޭގެ ފުޓްބޯޅައަށް އޭގެ ގެއްލުން ކުރަން އުޅުމަކީ ވިސްނުންތެރި އެއްވެސް މީހެއް އަދި ފުޓްބޯޅައަށް ކުޑަނަމަވެސް ޝައުގެއް ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ." އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. އެ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް އިލްހާމާއި ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ)ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކްލަބް އީގަލްސްއިން ވަނީ ހުށަހަޅައިފަ އެވެ.