ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި މއ. ވާދޫގެއިން ފުލުހުން ހައްޔަރު ކުރި މީހަކު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ވ. ފެލިދޫ، ރަށުތިލަ، އަބްދުﷲ އާމިރު ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ މައްސަލަތަކާ ގުޅިގެން ދެ އިނގިލި ކުރި އައްސިވާތީ، އެކަމާ ބެހޭ ޑޮކްޓަރުގެ ލިޔުންތައް ކޯޓަށް ހުށަހެޅުމުން އެކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.

ކްރިމިނަލް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި ދަށު ކޯޓު މަރުހަލާ އާއި ހައިކޯޓު މަރުހަލާގައި ވެސް ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އާދަމް އާސިފް އެވެ.

އެ މައްސަލައާ ގުޅިގެން އަންހެނަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ހައްޔަރުކޮށްފައި ތިބީ 50 އަހަރާއި 52 އަހަރުގެ ދެ ފިރިހެނުންނެވެ.

މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ. ވާދޫގެ ބަލައި ފާސްކޮށް މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް ވަނީ ހޯދާފައެވެ. އަދި އެ މައްސަލައާ ގުޅިން ހުރި އިތުރު ގެއެއް ބަލައި ފާސްކޮށް އެއިންވެސް މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް ފުލުހުން ވަނީ ހޯދާފަ އެވެ.